ހަބަރު

ފުނަދޫ ވަލު ތެރޭގައި ރާ ބޯން ތިބި ބަޔަކު ހައްޔަރުކޮށްފި

އާ އަހަރާ ދިމާކޮށް ފުލުހުން އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހިނގަމުން ގެންދާ އޮޕަރޭޝަންތަކުގައި ށ. ފުނަދޫ އާއި ގދ. ތިނަދޫން ވެސް ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތްތައް ބޭނުން ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ށ. ފުނަދޫގައި ހިންގި އޮޕަރޭޝަންގައި ރޭ 10:20 ހާއިރު އެ ރަށުގެ އުތުރުކޮޅު ވަލުތެރެއިން ބަނގުރަލާއެކު މީހަކު ހައްޔަރު ކުރި ކަމަށާއި ގޮނޑުދޮށް ސަރަހައްދުގައި ބަނގުރާ ބޮއި މަސްތުވެގެން ތިބި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ރަށުން ވަނީ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ފަސް ލީޓަރުގެ ފުޅިއަކާއި ބައި ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ އެއް ފުޅި ހޯދައިފަ އެވެ.

ގދ. ތިނަދޫގައި ވެސް ފުލުހުން ވަނީ ޝައްކު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ސެލިފޯންކޮޅު ފެނިގެން އޭނާ ހައްޔަރު ކޮށްފަ އެވެ. އެއީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ފުލުހުން ކުރި މަސައްކަތުން އެ ދެ ރަށުގެ އާންމު ހާލަތު ރަނގަޅުކޮށްފައިވާ ކަމަށެވެ. މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީން ވެސް ރޭ ވަނީ ބަނގުރަލާއި ބަނގުރާ ކައްކާ ތަކެތި ހޯދައި 15 މީހަކު ހައްޔަރުކޮށްފަ އެވެ. ލ. ގަމުން ވެސް ވަނީ 18 އަހަރު ނުފުރޭ އަންހެން ކުޑަ ކުއްޖަކާއެކު ބަޔަކު ހައްޔަރުކޮށްފަ އެވެ. މާލޭގައި ވެސް ފުލުހުންގެ ސެކިއުރިޓީ ވަރުގަދަކޮށް އޮޕަރޭޝަނެއް ދަނީ ހިނގަމުންނެވެ.