ހަބަރު

ގެއެއްގައި ޑްރަގް ބޭނުން ކުރަން ތިބި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި މަސްތުވާތަކެއްޗާއި، ބަނގުރާ ބޭނުން ކުރަން ތިއްބައި ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުލިގެން މިރޭ 7:22 ހާއިރު ކޯޓު އަމުރެއްގެ ދަށުން މާފަންނުގައި ހުރި ގެއެއް ބަލައި ފާސްކުރަން ވަނެވެ. އެ ގެއަށް ފުލުހުން ވަނުމާއެކު އެ ގޭގެ ބެލްކަނީގައި ހުރި މީހަކު ބަނގުރާފުޅިތަކެއް މަގުމައްޗަށް އުކާލި ކަމަށެވެ.

ފުލުހުން އެ ގެ ބަލައި ފާސްކުރުމުން ދެ ދަޅު ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ތެޔޮ ޕީސް އަދި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި ހަތަރު ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި ފެށޭ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން މަސްތުވާތަކެތި ބޭނުންކޮށްގެން އެކި ކަންކަން ކުރަން ރާވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި އާ އަހަރު ފާހަގަ ކުރަން އެފަދަ އަމަލުތައް ހިންގުމަށް ބައެއް މީހުން ފޭރެމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.