ހަބަރު

ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކޮށްފި

އާ އަހަރާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ފަށާފައިވާ އޮޕަރޭޝަންތަކުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ އަތޮޅު ޅައިމަގުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ފަސް ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 33 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ކުޑަ ކަމުދާ ތަކެތި ތަހުލީލު ކުރިއިރު މަސްތުވަތާކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި ބަލައި ފާސްކުރި ގެތަކުން ފުލުހުން ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އަޅާފައި ހުރި 171 ސެލްފޯން ކޮޅާއި 30 ރަބަރު ޕެކެޓް ފުލުހުން ވަނީ ހޯދައިފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންތަކުގައި ރޭ ވަނީ ބަނގުރާ ބޯން ތިބި ގިނަ ބަޔަކު އެކި ރަށްރަށުންނާއި މާލޭން ހައްޔަރުކޮށްފަ އެވެ. އެ ގޮތުން އައްޑޫން އެކަނި ވެސް ރޭ 15 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ލ. ގަމުން ހައްޔަރުކުރި މީހުންގެ ތެރޭ 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.