ޗައިނާގެ ކުންފުނި ތަކުން ކެނެޑާއަށް އިންޕޯޓް ކުރާ ކާރު ފަދަ އިލެކްޓްރިކް ވެހިކަލްތަކުން ބޮޑު އިމްޕޯޓް ޑިއުޓީއެއް ނަގަން ވިސްނަމުންދާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ނައިބް ކްރިސްޓިއާ ފްރީލޭންޑް ވިދާޅުވެއްޖެ އެވެ.
ކްރިސްޓިއާ ވިދާޅުވީ ކެނެޑާ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާނީ އާންމު ރައްޔިތުން އެކަމާ މެދު ދެކޭގޮތް ހޯދައި އާންމުންގެ ހިޔާލު ހުރި ގޮތެއްގެ މަތިން ކަމަށެވެ.
ކެނެޑާއިން އަންނަނީ އިލެކްޓްރިކް ވެހިކަލްތަކުގެ މާކެޓުގައި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކާއި ވާދަކޮށް އެ މާކެޓުގައި ފައިހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި އެ ގައުމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ޗައިނާގެ ފަރާތުންނެވެ. މިވަގުތު ދުނިޔޭގައި އިލެކްޓްރިކް ވެހިކަލްތަކުގެ އެންމެ ބޮޑު ސަޕްލަޔަރަކީ ޗައިނާ އެވެ.
ކެނެޑާއިން ޗައިނާގެ މި އުފެއްދުން ތަކުން ޑިއުޓީ ނަގަން ވިސްނަމުންދާ ދަނޑިވަޅަކީ އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން އިން ވެސް އެފަދަ ފިޔަވަޅު ތަކެއް ޗައިނާ އާއި ދެކޮޅަށް އަޅަން މަސައްކަތް ކުރާ ވަގުތެކެވެ.
އިލޮން މަސްކްގެ ޓެސްލާ އަދި ބީއެމްޑަބްލިއު ފަދަ ބޮޑެތި ކުންފުނި ތަކުން އިލެކްޓްރިކް ކާރު ޗައިނާގައި އުފައްދަމުން ގެންދެ އެވެ.
ކެނެޑާ ސަރުކާރުގެ ވާހަކަތަކާ ގުޅިގެން ޗައިނާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ކެނެޑާއިން އަޅަން ވިސްނަމުންދާ ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށާއި އަދި ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާ ފަދަ ކަމެއް ކެނެޑާ އިން ނުކުރާނެ ކަމަށް ދެކޭ ކަމަށެވެ.
އެމެރިކާ އާއި ޗައިނާގެ ދެމެދުގައި އޮތް ވާދަވެރިކަމާއި އަރާރުމުގެ ތެރެއަށް ކެނެޑާއިން ވަނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ޗައިނާގެ އޮފިޝަލް ވިދާޅުވި އެވެ.
ކެނެޑާގައި ކާރު އުފައްދާ ކުންފުނި ތަކުން ގެންދަނީ ޗައިނާގެ އުފެއްދުންތަކުން 100 ޕަސަންޓުގެ ބޮޑު ޑިއުޓީއެއް ނެގުމަށް ކެނެޑާ ސަރުކާރަށް ގޮވާލަމުންނެވެ. އެ ކުންފުނި ތަކުން ބުނާގޮތުން ޗައިނާގެ ކުންފުނިތަކާއި ވާދަކުރުމަކީ އެމީހުންނަށް އުފުލޭވަރަށް ވުރެ ބޮޑު ތަކުލީފެކެވެ.
ކްރިސްޓްރިއާ ފްރީލޭންޑް ވިދާޅުވީ ކެނެޑާގެ ކާރު އުފައްދާ ކުންފުނިތަކުގެ ޝަކުވާތަކަށް ލުޔެއް ހޯދައިދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ. އެހެންވެ ޗައިނާ އިން އެތެރެކުރާ އިލެކްޓްރިކް ކާރުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް، ބެޓެރީ ފަދަ އެއްޗެހިން ވެސް ޑިއުޓީ ނަގަން ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ.
ކެނެޑާގެ އިލެކްޓްރިކް ވެހިކަލްތައް އުފައްދާ ސިނާއަތަކީ ބިލިއަން ޑޮލަރުގެ އަގުހުރި ސިނާއަތެކެވެ. ކެނެޑާގެ އެތެރޭގެ ބޭނުންތަކުގައި އަދި އެގައުމުން ބޭރަށްވެސް ކެނެޑާގެ އިލެކްޓްރިކް ވެހިކަލްތައް ވިއްކަ އެވެ.