ދުނިޔެ

އަހަރެމެން ދެއްކި ހުރިހާ ވާހަކަތަކެއް މީޑިއާއަށް އެއޮތީ ލީކުވެފައި: ޝީ ޖިންޕިން

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާ ދެމެދު ދޮރުބަންދު ކޮޓަރިއެއްގައި ކުރެވުނު މަޝްވަރާތައް ޑްރޫޑޯގެ ފަރާތުން މީޑިއާއަށް ލީކުވެފައި ވާތީ ޓްރޫޑޯއާ ކުރިމަތިލައްވައި ޝީ ނުރުހުން ފާޅުކުރައްވައިފި އެވެ.

އިންޑޮނީޝިއާގެ ބާލީގައި އޮތް ޖީ20 ސަމިޓަށް ވަޑައިގެން ދެ ލީޑަރުން ބައްދަލުކުރެއްވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައި ހުރި ނުތަނަވަސް ކަމަށް މަޝްވަރާއިން ހައްލު ހޯއްދެވުމަށެވެ.

ބައިބޯ ފެންޑާއެއް ތެރޭގައި ޝީ ހިންގަވައި ވަޑައިގެން ޓްރޫޑޯއާ ކުރިމަތިލައްވައި ދެ ބޭފުޅުން ކުރެއްވި ހުރިހާ މަޝްވަރާއެއް އިންޓަނެޓްގައި ލީކުވެފައިވާ ވީޑިއޯއަކުން ފެނެ އެވެ.

"ކަންތައް ތިޔަ ކުރެއްވީ އެންމެ ރަނގަޅަކަށް ނޫން،" ތަރުޖަމާނެއް މެދުވެރިކުރައްވައި ޝީ ވިދާޅުވި އެވެ.

"މަޝްވަރާތައް ކުރެވުނީ އެ ނިޔަތުގައެއް ނޫން،" ތަރުޖަމާން ވިދާޅުވި އެވެ.

ޝީ ވިދާޅުވީ ދެ ލީޑަރުން މަޝްވަރާ ކުރެއްވީ ނޫސްތަކަށް އާންމުކުރާ ގޮތަށް ނޫން ކަމަށެވެ.

ޝީ ޖިންޕިންއަށް ރައްދު ދެއްވައި ޓްރޫޑޯ ވިދާޅުވަނީ ކެނެޑާގައި އެއްވެސް ކަމެއް ސިއްރުކޮށްފައި ނުބާއްވާ ކަމަށެވެ. އަދި މަޝްވަރާ ކުރެވެނީ މިނިވަން މާހައުލެއްގައި ހުޅުވާލައިގެން ކަމަށްވެސް ޓްރޫޑޯ ވިދާޅުވެ އެވެ.

ބިނާކުރަނިވި މަސައްކަތްތަކެއް އެކުގައި ކުރެވުނު ނަމަވެސް ހުރިހާ ކަމެއް ރަނގަޅު ނޫން ކަމަށްވެސް ޓްރޫޑޯ ވިދާޅުވި އެވެ.

ޝީ ވިދާޅުވީ އިހުލާސްތެރިނަމަ އިހުތިރާމާ އެކު މަޝްވަރާ ކުރަންވީ ކަމަށެވެ. އެ ނޫން ގޮތެއްގައި ހެޔޮ ނަތީޖާއެއް ނެތް ކަމަށްވެސް ޝީ ވިދާޅުވެ އެވެ.

ޚަބަރުތައް ބުނާ ގޮތުން ދެ ލީޑަރުން ކުރެއްވި މަޝްވަރާގައި ކެނެޑާގެ އިންތިހާބުތަކަށް ޗައިނާ ނުފޫޒު ފޯރުވާ ކަމަށް ޓްރޫޑޯ ދެއްކެވި ވާހަކަތަކާ ގުޅިގެން ހިނގައިދިޔަ މުއާމަލާތްތައް މީޑިއާއަށް ލީކުވި އެވެ. ޝީ އެންމެ ބޮޑަށް ނުތަނަވަސްވެ ވަޑައިގަތީ މި ސަބަބާ ހެދި ކަމަށްވެސް ބުނެވެ އެވެ.

ކެނެޑާ އާއި ޗައިނާއާ ދެމެދު އުދާސްވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ސަބަބަކީ އެމެރިކާގެ އެދުމަކަށް ވާވޭ ޓެކްނޮލޮޖީޒްގެ ސީއެފްއޯ މެންގް ވަންޒޫ 2018ގައި ވެންކޫވާ އެއާޕޯޓުން ހައްޔަރުކުރުމާ ގުޅިގެން ނެެވެ.

މި މައްސަލާގައި ޗައިނާގެ އެއާޕޯޓަކުން ކެނެޑާގެ ދެ ރައްޔިތަކު ހައްޔަރުކޮށް ޖާސޫސްކުރި ކަމަށް ބުނެ ދައުވާ ވެސް ކުރި އެވެ. އެހެންނަމަވެސް ދުވަސްތަކަކަށް ފަހު ކެނެޑާއިން މެންގް ވަންޒޫ ދޫކޮށްލުމާ ގުޅިގެން ޗައިނާއިން ހިފެހެއްޓި ދެ މީހުން ވެސް ދޫކޮށްލި އެވެ.