އިންޑޮނޭޝިއާ

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ޗައިނާގައި

ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑޮނީޝިއާގެ ރައީސްއާ ބީޖިންގައި ބައްދަލު ކުރައްވައި އެކުވެރި މާހައުލެއްގައި މަޝްވަރާ ކުރައްވައިފި އެވެ.

ކޮވިޑް ކޭސްތައް ޗައިނާގައި ދޭތެރެ ދޭރެއިން އުތުރިއެރުން ވެފައި އޮތީ ވަރަށް ބޮޑު މައްސަލައަކަށެވެ. މި ސަބަބާ ހެދި ޗައިނާގެ ވެރިންނަށް ބޭރު ގައުމަކަށް ވަޑައިގަތުން ތަކުލީފަކަށް ވެފައި އޮތުމުގެ އިތުރުން ބޭރުގެ އިއްޒަތްތެރިއަކަށް ދައުވަތު ދިނުން ވެސް ވަނީ ބިރުބޮޑު ކަމަކަށް ވެފަ އެވެ.

މި އަހަރު ފެބްރުއަރީގައި ޗައިނާގައި އޮތް ވިންޓާ އޮލިމްޕިކްސްއަށް ފަހު ބޭރު ގައުމެއްގެ ވެރިއަކަށް ޗައިނާއިން ދައުވަތުދީފައެއް ނުވެ އެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުއް ހުރި ގޮތުންނެވެ.

ދެ ރައީސުންގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ދެ ލީޑަރުން އެންމެ ބޮޑަށް މަޝްވަރާ ކުރެއްވީ ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ކަމަށެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި މިހާރު އުފެދިފައި ހުރި ޚިލާފުތަކަށް އަލިއަޅުވާ ލައްވައި ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޔުކްރޭން ހަނގުރާމަ އާއި ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތައް އަދި ކާބޯތަކެތީގެ އަގު އުފުލުމާ ބެހޭ ގޮތުން ދެ ލީޑަަރުން މަޝްވަރާ ކުރެއްވި އެވެ. އަދި ޝައުގުވެރިކަން އެއްގޮތް މައްސަލަތަކުގައި ގުޅިގެން ހައްލު ހޯދަން އެއްބަސްވެ ވަޑައިގެންނެވި އެވެ.

އިންޑޮނީޝިއާގައި މި އަހަރު ނޮވެމްބަރުގައި ޖީ-20 ސަމިޓް ބޭއްވުމަކީ ވަރަށް ރަނގަޅު އިޚުތިޔާރެއް ކަމަށް ޝީ ވިދާޅުވި އެވެ. އަދި ސަމިޓް ބޭއްވުމަށް ޗައިނާއިން އެހީތެރިވެ ދެއްވާނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

އިންޑޮނީޝިއާ އަކީ އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ނަގާކިޔާ މެމްބަރަކަށް ވެފައި ޖީ-20 ސަމިޓް ބޭއްވުމަކީ ބޮޑު ކުރިއެރުމެއް ގޮތުތައި ޝީ ސިފަކުރެއްވި އެވެ.

ޗައިނާ، އިންޑޮނީޝިއާ އަކީ ޒަމާންވީ ދެ އެކުވެރިންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވާ ގޮތުން ދެ ގައުމަކީ ސަރަހައްދީ މަސްލަހަތުގައި ވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ދެ ގައުމު ކަމަށެވެ.

އަދި ކުރިއަރަމުން އަންނަ ގައުމުތައް މިސާލު ނަގަންވީ ޗައިނާ، އިންޑޮނީޝިއާގެ ގުޅުމުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ވިޑޯޑޯގެ މި ދަތުރުގައި ޖަޕާނަށާއި ދެކުނު ކޮރެއާއަށް ވެސް ވަޑައިގަންނަވާނެ އެވެ.