ދުނިޔެ

ވާވޭގެ ޗީފް ފައިނޭންސް އޮފިސަރު ކެނެޑާ ކޯޓުން ދޫކޮށްލައިފި

ޗައިނާ ސްމާޓްފޯން ކުންފުނި ވާވޭގެ ޗީފް ފައިނޭންސް އޮފިސަރު، މޮން ވަންޖޯ ކެނެޑާ ކޯޓުން ދޫކޮށްލައިފި އެވެ. ކެނެޑާ ފުލުހުން އޭނާ ހައްޔަރުކުރީ ވެންކޫވާ އެއާޕޯޓުން ޑިސެމްބަރު 1، 2018 ގައި އެމެރިކާއިން އަންގައިގެނެވެ.

މޮން ވަންޖޯ ހައްޔަރުކޮށް ޓެގްއަޅުވައި ގޭބަންދުގައި ބަހައްޓައި އޭނާއާ ދެކޮޅަށް ކެނެޑާ ކޯޓުގައި ވަނީ ޝަރީއަތް ކޮށްފަ އެވެ. އެއީ އެމެރިކާއިން އޮޅުންފިލުވަން ބޭނުންވާ މައްސަލަތަކެއް ބެލުމަށްޓަކައި ކެނެޑާ މެދުވެރިވެ އޭނާ އެމެރިކާއާ ހަވާލު ކުރުމަށެވެ. މި މިއްސަލަ 1000 ދުވަސް ފާއިތުވެ ދިޔައިރު ވެސް އޮތީ ކޮޅެއްގައި ނުޖެހި އެވެ.

މޮން ވަންޖޯއާ ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަލަން ބޭނުންވާ މައްސަލަތަކުގެ ތެރޭގައި ގިނައީ އޮޅުވާލައިގެން ހިންގާފައި ހުރީ މާލީ މުއާމަލާތްތައް ކަމަށް އެމެރިކާއިން ބުނެ އެވެ.

ދުނިޔެއަށް މަޝްހޫރު އެޗްއެސްބީސީ އަދި އެފަދަ އެހެން މާލީ ބޭންކްތައް މެދުވެރިކޮށް މޮން ވަންޖޯ އިސްވެ ހިންގާފައި ހުރި މާލީ މުއާމަލާތްތަކުގެ އަސްލު އޮޅުވާލުމާއި އީރާނާއި އުތުރު ކޮރެއާ ފަދަ އެމެރިކާއިން ދަތިކުރަން ފިޔަވަޅު އަޅާފައި ހުރި ގައުމުތަކާއެކު ވިޔަފާރި ކުރުމަކީ ވެސް އޭނާއަށް އަދަބު ކަނޑައެޅޭ ކަމެއް ކަމަށް އޮތީ ބެލެވިފަ އެވެ.

ޗީފް ފައިނޭންސް އޮފިސަރު ވަރަށް ކުއްލި ގޮތަކަށް ދޫކޮށްލާފަައި މިވަނީ އޭނާގޭ ވަކީލުން މެދުވެރިވެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓާއެކު ވެވެނު އެއްބަސްވުމެއްގެ ސަބަބުންމެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށް މޮން ވަންޖޯއާ ދެކޮޅަށް އުފުޅާފައި ހުރި ހުރިހާ މައްސަލައެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބާތިލު ކޮށްފަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓާއެކު މޮން ވަންޖޯ ވި އެއްބަސްވުމުގައި ތަހުގީގީ އިދާރާއަކަށް ޝައްކުކުރެވޭ ޒާތުގެ އެއްވެސް އަމަލެއް އޭނާ ހިންގައިގެން ނުވާނެ އެވެ. އަދި ވަކިން ހާއްސަކޮށް އޮޅުވާލުމާއި މަކަރު ހެދުން ފަދަ އަމަލެއް ޑިސެމްބަރު 2022 ނިމެންދެން އޭނާ ހިންގައިގެން ނުވާނެ އެވެ.

އެމެރިކާއިން އެދުނު އެދުމަކަށް ނަމަވެސް ކެނެޑާއިން މޮން ވަންޖޯ ހައްޔަރު ކުރުމުގެ ސަބަބުން ޗައިނާއާ ކެނެޑާގެ ގުޅުމުގައި ވަރަށް ބޮޑަށް ރެނދުލި އެވެ. ދެ ގައުމުގައި ވެސް ހަމަނުޖެހުންތައް ހިންގައި އަމަލާއި ބަހުން ވަނީ ހަމަލާ ބަދަލު ކޮށްފަ އެވެ.

ޗައިނާއިން ބަދަލުހިފުމުގެ ގޮތުން ކެނެޑާގެ ދެމީހަކު ހައްޔަރުކޮށް ވަނީ ޖަލަށް ލާފަ އެވެ. އޭގެ ތެރެއިން އެކަކަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ.

ކެނެޑާއިން މެން ވަންޖޯ ދޫކޮށްލުމާ ގުޅިގެން މި ދެމީހުން ވެސް ދޫކޮށްލައިފި ކަމަށް ކެނެޑާގެ ބޮޑުވަޒީ ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފަ އެވެ.

މޮން ވަންޖޯއަށް ޚާއްސަކޮށް ޗައިނާއިން ފޮނުވި ފްލައިޓެއްގައި އޭނާ މިހާރު ވަނީ އަމިއްލަ ގައުމަށް ގޮސްފަ އެވެ.