ދުނިޔެ

ވާވޭގެ ސީއެފްއޯއާ ބެހޭ ގޮތުން ޓްރޫޑޯ ކޮމެންޓެއް ނުދެއްވި

ޔޫއެސް ޖަސްޓިސް ޑިޕާޓްމަންޓާއި ވާވޭގެ ސީއެފްއޯ، މަންގް ވަންޖޯގެ ވަކީލުންނާ ދެމެދު ކުރެވޭ މަޝްވަރާތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ކޮމެންޓެއް ދެއްވަން، ކެނެޑާގެ ބޮޑު ވަޒީރު، ޖަސްޓިން ޓްރޫޑޯ ދެކޮޅު ހައްދަވައިފި އެވެ. އެމެރިކާއިން އެދިގެން ވެންކޫވާ އެއާޕޯޓުން ހައްޔަރުކޮށް އެކަމަކު މިހާރު ގޭބަންދުގައި އިންނެވި މަންގް ވަންޖޫއާ އެކު ކުރެވޭ މުއާމަލާތުގެ ސަބަބުން އެމެރިކާއިން އޭނާ މިނިވަންކޮށް ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޓްރޫޑޯ ވިދާޅުވީ އޭނާ މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޗަައިނާގައި ހައްޔަރުކޮށްފައި ތިބި ދެ "މައިކަލް" ގައުމަށް ގެނައުމަށް ކަމަށެވެ. ދެ މައިކަލް ކަމަށް ޓްރޫޑޯ ވިދާޅުވި ދެ މީހުންނަކީ މައިކަލް ކޮރިން އަދި މައިކަލް ސްޕެވޯ އެވެ. "އެ މީހުން އަނބުރާ ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް މިދަނީ ކުރަމުން" ޓްރޫޑޯ ވިދާޅުވި އެވެ. ޗައިނާއިން މި ދެ މީހުން ހައްޔަރުކުރީ ކެނެޑާ ފުލުހުން މަންގް ވަންޖޯ ހައްޔަރުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ޑިސެމްބަރު 2018 ގަ އެވެ.

މަންގް ވަންޖޯގެ ވަކީލުންނާ އެކު އެމެރިކާގެ ޕްރޮސެކުޓަރުން މަޝްވަރާކުރަނީ ޑީލެއް ހަދާނެ ގޮތަކާ ބެހޭ ގޮތުންނެވެ. ޕްރޮސެކިއުޓަރުން ބޭނުންވަނީ މަންގް ވަންޖޯއާ މެދު ކުރެވިފައި ހުރި ތުހުމަތުތަކަށް އޭނާ އެއްބާރުލުންދިނުމެވެ.

އެމެރިކާ ބުނާ ގޮތުގައި، ވާވޭ ސީއެފްއޯގެ މަގާމުގައި ހުރެ މަންގް ވަންޖޯ ވަނީ އީރާނާ އެކު ޑީލްހައްދަވައި ވިޔަފާރިކުރައްވާފަ އެވެ. އެމެރިކާއިން އީރާނަން ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ނުބައްލަވައި ވިޔަފާރީގެ މުއާމަލާތްތަކުން އީރާނަށް ބައިއަޅުއްވާފަ އެވެ. އަދި އެޗްއެސްބީސީ އަށް އޮޅުވާލައްވާފަ އެވެ. އޭނާ މިކަންކަމަށް އިންކާރައްވަ އެވެ.

ޗައިނާއިން ބުނަނީ އެމެރިކާގެ ބޭނުމަކީ ޗައިނާ ޓެކް ކުންފުނިތަކުގެ ދުވަސްދުއްވާލުން ކަމަށެވެ. އަދި ލަސްނުކޮށް މަންގް ވަންޖޫ ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފަ އެވެ. މި މައްސަލާގައި ޗައިނާއާ ކެނެޑާގެ ގުޅުން ވެސް ވަނީ ހާވެފަ އެވެ.