ޓެކްނޯލޮޖީ

އެމެރިކާގައި ޖަޕާން ކުންފުންޏަކުން 5ޖީ ޗިޕް އުފައްދަނީ

އެމެރިކާގައި ޖަޕާން ކުންފުންޏަކުން މައިކްރޮޗިޕްތައް އުފައްދަނީ އެވެ. ޖަޕާންގެ ސުމިޓޮމޯ އެލެކްޓްރިކް އިންޑަސްޓްރީޒްއިން އުންމީދު ކުރަނީ ސެޕްޓެމްބަރުގައި މަސައްކަތްތައް ފަށައިގަންނައިރު 5ޖީ ބޭސް ސްޓޭޝަން ޗިޕްތަކަށް އިސްކަން ދިނުމަށެވެ.

އެމެރިކާއިން ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް ބޭރު ކޮށްލުމަށްޓަކައި ކުންފުނިތަކުން އެމެރިކާގައި ޗިޕް އުފައްދަން އެ ގައުމުން އޮތީ ދައުވަތު ދީފަ އެވެ. ސުމިމޮޓޯއިން އުފައްދާ 5ޖީ ޗިޕްތައް ބޭނުން ކުރާނެ ކަމަށް ވަނީ އެމެރިކާއާ ޔޫރަޕްގައި 5ޖީ މޮބައިލް ނެޓްވޯކް ބާރު ގަދަ ކުރުމަށެވެ.

ސްމާޓް ޑިވައިސްތައް އުފައްދަން ބޭނުންވާ އަދަދަށް ޗިޕް ލިބުން މިވަގުތު އޮތީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. ގައުމުތަކުން ވާދަވެރި ކަމުގައި އެއްބަޔަކަށް ވުރެ ކުރިއަރައި ދިއުމަށް އަނެއް ބަޔަކު ރޭސް ޖެހުމުން އުފެއްދުންތެރިކަން ވަނީ ވެއްޓިފަ އެވެ.

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒުން ވެސް ބުނަނީ އަމިއްލައަށް ޗިޕް އުފައްދާނެ ކަމަށެވެ. އެމެރިކާ ކުންފުނިތަކަށް ބަރޯސާ ކުރުން ދޫކޮށްލާނެ ކަމަށެވެ. އެ ކުންފުނީގެ ސްމާޓް ފޯންތަކަށް އަދި އެހެނިހެން ޑިވައިސްތަކަށް ބޭނުންވާ ޗިޕްތައް ޗައިނާގައި އުފައްދައި މާކެޓް ފުޅާކުރަން ވާވޭއިން ވަނީ ބިޔަ އިންވެސްޓްމަންޓެއް ހުޅުވާލާފަ އެވެ.

ވާވޭއިން ބުނީ ފުރަތަމަ އިސްކަން ދޭނީ އާޓިފިޝަލް އިންޓެލިޖެންސް ހިމަނައިގެން ސްމާޓް ކާރުގެ ބައިތައް އުފެއްދުމަށާއި މިނިވަން ރޮބޮޓުން ތަރައްގީ ކުރަން ކަމަށެވެ.