ވާވޭ

ވާވޭ ފިޔަވަޅެއް ކުރިއަށް، ޕެޓަލް މެއިލް ޓެސްޓްކުރަނީ

ޗައިނާގެ ސްމާޓްފޯން ކުންފުނި، ވާވޭ ޓެކްނޮލޮޖީޒްއަށް ދަތިކުރަން އެމެރިކާއިން ކަނޑަޅައި، އެންޓިޓީ ލިސްޓެއްގައި ހިމެނި ފަހުން އެމެރިކާ ކުންފުނިތަކާއެކު ވިޔަފާރި ކުރުން އޮތީ މަނާވެފަ އެވެ. އޭގެ މާނައަކީ ވާވޭ އެންޑްރޮއިޑް ފޯނުތަކުގައި "ގޫގުލް މޮބައިލް ސާވިސަސް" ބޭނުން ކުރުން މަނާ ވުމެވެ. ޖީމެއިލް، ޕްލޭ ސްޓޯރު އަދި ގޫގުލް މެޕްސް ފަދަ އެޕްލިކޭޝަންތައް ވެސް ވާވޭއަށް ބަންދު ވުމެވެ.

ވާވޭއިން ބުނާ ގޮތުގައި އެމެރިކާއިން އެ ކުންފުންޏާ ދެކޮޅަށް ކުޅޭކަން މިހާރު ރަނގަޅަށް އެނގިއްޖެ އެވެ. އެހެންވެ މިހާރު އަމަލު ކުރަަނީ ޕްލޭންބީއަށެވެ. ގޫގުލް ސާވިސްތައް ލިބެން ނެތް ހާލަތެއްގައި މިހާރު އޮތީ "ވާވޭ މޮބައިލް ސާވިސަސް" އެވެ. އޭއީ މޮބައިލް އެޕްލިކޭޝަން ޕެކޭޖެކެވެ. އެ ޕެކޭޖްގައި "ޕެޓަލް މެެއިލް" ވެސް ހިމެނެ އެވެ.

ވާވޭއިން ބުނި ގޮތުގައި ޖީމެއިލް ލިބެން ނެތްތަން ފޫބައްދަން ކުރި މަސައްކަތުން ބޮޑުބައި ފޫ ބެދިއްޖެ އެވެ. މިހަރު ކުރާކަމަކީ ޕެޓަލް މެއިލް ޓެސްޓް ކުރުމެވެ. ޕެޓަލް މެއިލް މޮބައިލްއަށް އަދި ޑެސްކްޓޮޕްއަށް ވެސް ލިބޭނެ އެވެ.

ވާވޭ މޮބައިލް ސާވިސަސް މިހާރު ބޮޑަށް ފޯކަސްކޮށްފައި ހުރީ ޗައިނާއަށެވެ. އެހެން ނަަމަވެސް އިންޓަނޭޝަނަލް މާކެޓަށް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ޕެޓަލް މެއިލް ޑޮމެއިން އާންމުކޮށް ޓެސްޓަށް ދޫކޮށްލާފައި ވާއިރު އިންސްޓްރަކްޝަންތައް އަދި ހުރީ ޗައިނާ ބަހުންނެވެ.

ގޫގުލްގެ ކޮންމެ އެޕްލިކޭޝަނަކަށް ވާވޭއިން މިހާރު ދަނީ އެޕްލިކޭޝަނެއް ހަދަމުންނެވެ. އޭގެ ތެރޭގައި ޕެޓަލް މެއިލް (ޖީމެއިލް)، ޕެޓަލް މެޕްސް (ގޫގުލް މެޕްސް)، ގޫގުލް ސާޗް (ޕެޓަލް ސާޗް) ހިމެނެ އެވެ. މީގެ އިތުރުން ޕެޓަލް ޕޭމަންޓް އަދި ޕެޓަލް ޝޮޕް ވެސް ހިމެނެ އެވެ.