ޓެކްނޯލޮޖީ

ޔޫސީ އިންޓަނެޓް ބްރައުޒާ ޗައިނާއިން ގެއްލިއްޖެ

އަލީބާބާގެ ޔޫސީ އިންޓަނެޓް ބްރައުޒާ ޗައިނާއިން ގެއްލިއްޖެ އެވެ. ޗައިނާގެ އެޕް ސްޓޯރުތަކުގައި ފެންނާކަށް ވެސް ނެތެވެ. ވާވޭ އަދި ޝޯމީން އޮޕަރޭޓްކުރާ އެޕް ސްޓޯރުގައި ޔޫސީ ބްރައުޒާ ލިބެން ނެތް ކަމަށް މި މަރުކާގެ ފޯނުތައް ބޭނުންކުރާ މީހުން ބުނެ އެވެ.

ޔޫސީ ބްރައުޒާއަށް ބޮޑަށް އަސަރުކޮށްފައި ވަނީ ޗައިނާ މާކެޓުގަ އެވެ. ސެމްސަންގް ފޯނުތައް ބޭނުންކުރާ މީހުންނަށް ގެލްކްސީ ސްޓޯރުން އަަދި އެހެން މަރުކާގެ އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ގޫގުލް އެޕް ސްޓޯރުން ޔޫސީ ބްރައުޒާ އަދި ޑައުންލޯޑްކުރެވެ އެވެ. އެޕަލް އެޕް ސްޓޯރުން އައިފޯނަށް ޑައުންލޯޑްކުރެވެ އެވެ.

ޔޫސީ ބްރައުޒާއަށް މިހެން ދިމާވުމުގައި ޖެކް މާ ނެޓްވޯކަށް ނިސްބަތްވުން ހިމެނެ އެވެ. މިއީ އަލީބާބާ ގުރޫޕަށް ނިސްބަތްކުރެވޭ ބްރައުޒާއެކެވެ.

ޔޫސީ ބްރައުޒާ ގެއްލިފައި ވަނީ މިބްރައުޒާއާ މެދު ޗައިނާގައި ފާޑުކިޔެނިކޮށެވެ. ދެކެވޭ ވާހަކަތަކުގެ ތެރޭގައި ޗައިނާގައި ހުރި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ހޯދަން އެދުމުން ބްރައުޒާ ދައްކާ ކަމަށް ވަނީ ޕްރައިވެޓް ހޮސްޕިޓާތަކެވެ. ސަރުކާރު އަދި އާންމު އެއްވެސް ހޮސްޕިޓަލެއް ނުދައްކާ ކަމަށްވެ އެވެ.

ޗައިނާ ސަރުކާރަށް ކަމުނުދާ ކަމަށް ކަނޑައަޅާފައި ހުންނަ ލިންކްތައް ވެސް ޔޫސީ ބްރައުޒާއިން ދައްކާ ކަމަށްވެ އެވެ. މިއީ އަދި ކޮންމެ ބަޔަކަށް ނިސްބަތްކުރެވޭ ބްރައުޒާއެއް ނަމަވެސް، ސަރުކާރުގެ ކޮންޓްރޯލް ގެއްލޭ ގޮތަށް މުއާމަލާތްކުރުމަކީ ގޯހެކެވެ.

ޔޫސީ ބްރައުޒާ އޮޕަރޭޓްުކުރާ ގުރޫޕުން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ދެނެތިބި ކަމަށާއި ސަރުކާރުން އެދޭ ގޮތަށް ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި މަސައްކަތްތައް ދަނީ ކުރިއަށް ކަމަށެވެ. އާންމުނަށް އެންމެ ރަނގަޅު އަދި ފައިދާ ބޮޑު ގޮތް ދައްކައިދޭނެ ކަމަށެވެ.