ވާވޭ

ވާވޭ އަމިއްލަ އޮޕަރޭޓިން ސިސްޓަމަކާއެކު ކޮޅަށް ތެދުވަނީ

އެމެރިކާއިން ވާވޭއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ވާވޭ ސްމާޓްފޯންތަކުގައި "ގޫގުލް މޮބައިލް ސާވިސަސް" ބޭނުން ކުރުން މާނާވި އެވެ. ގޫގުލް ޖީމެއިލް، ސާޗް، މެޕްސް އަދި ޕްލޭ ސްޓޯރަކީ އެންޑްރޮއިޑް ފޯނެއް ނަމަ މައިބަދަ އެވެ. ގޫގުލް އެޕްލިކޭޝަންތައް ބޭނުން ކުރުން މަނާ ވުމުން، ވާވޭ ސްމާޓްފޯންތަކުގެ މައިބަދަ ބިނދުނީ އެވެ.

ވާވޭއަށް ކުރިމަތިވި ހިތްދަތިކަމުން އަރައިގަތުމަށް ކުރި މަސައްކަތްތަކުން ދެން އެންމެ ބޮލަށް ފަސޭހަ ވާނީ އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމުން ކަމަށް ވިސްނި އެ މަސައްކަތް ފަށައި ގަތެވެ. ވަރަށް އުންމީދާއެކު ވަރަށް ވާދަވެރި ކަމުގަ އެވެ. މިނޫން ގޮތެއްގައި ވާވޭ ސްމާޓްފޯންތައް ދަމަހައްޓާނެ ފޭރާން ހެޔޮ ގޮތެއް އަތްފޯރާ ފަށުގައި ވެސް ނެތީ އެވެ.

ވާވޭއިން އުފައްދާ މޮބައިލް އޮޕަރޭޓިން ސިސްޓަމަށް ކިޔަނީ "ހާމަނިއޯއެސް" އެވެ. އެ ކުންފުނިން މިހާރު ބުނަނީ މަސައްކަތް މުޅިން ނިމިއްޖެ ކަމަށާއި އޭޕްރީލުން ފެށިގެން ވާވޭ ފޯނުތަކަށް ލިބެން ފަށާނެ ކަމަށެވެ. ވާވޭ ފޯނުތައް ބޭނުންކުރާ މީހުން އެދޭ ނަމަ އެއަށް ވުރެ އަވަހަށް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޗައިނާއިން ބޭރު ގައުމުތަކަށް ވެސް އެއްވެސް މައްސަލައެއް ނެތި ހާމަނީއޯއެސް ލިބޭނެ ކަމަށް ވެސް ވާވޭއިން ބުންޏެވެ. އަދި މި އޮޕަރޭޓިން ސިސްޓަމް އެންމެ ފުރަތަމަ ލިބޭ ފޯނުތަކުގެ ތެރޭގައި ވާވޭއިން ދާދިފަހުން އާންމުކުރި ފަތްޖެހިފޯނު މޭޓް އެކްސް2 ހިމެނެ އެވެ.

ސްމާޓްފޯން މާކެޓްގައި ފޯނު އުފައްދާ ކުންފުނިތަކަށް އޮންނަ އެންމެ ބޮޑު ބިރަކީ ފޯނުގައި ބޭނުންކުރާ އެޕްލިކޭޝަންތަކެވެ. ސެމްސަންގްއަކީ އެންމެ ގިނައިން އެންޑްރޮއިޑް ފޯނު އުފައްދާ ކުންފުންޏެވެ. އެންޑްރޮއިޑަކީ ގޫގުލްގެ މުދަލެކެވެ. އެންޑްރޮއިޑް މޮބައިލް ސާވިސް ތެރޭގައި ހިމެނޭ ސޮފްޓްވެއާ އެޕްލިކޭޝަންތައް ނިސްބަތް ވަނީ ވެސް ގޫގުލްއަށެވެ. ސަމްސަންގަށް ވެސް ގޫގުލްއާ ނުލައި ގެލަކްސީ ފޯނުތައް ޝަރަފަކަށް ނުވާނެ އެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމުން ފޯނުތައް ހިންގާ ކޮންމެ ބަޔަކު ވެސް ގޫގުލް އަށް ލައިސަންސް ފީދައްކަން ޖެހެ އެވެ. ސެމްސަންގް، ޝޯމީ، ވަންޕްލަސް އަދި އެލްޖީ ވެސް ފެތެނީ މި ކެޓަގަރީއަށެވެ.

ވާވޭއިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދައި ކޮޅަށް ތެދުވާން ކުރާ މަސައްކަތްކަށް ވެސް އޮތް ބިރަކީ އެޕްލިކޭޝަނެވެ. ޗައިނާގައި ބޭނުންކުރާ ވާވޭ ފޯނުތަކަށް މާބޮޑު އަސަރެއް ނުުކުރިއެއް ކަމަކު ދުނިޔެއަށް މަޝްހޫރު އެޕްލިކޭޝަންތަކާ ނުލައި އިންޓަނޭޝަނަލް މާކެޓްގައި ފޯނުތައް ނުހިނގުމުގެ ބިރު އޮންނާނެ އެވެ. މިކަން ފޫބެއްދުމަށް ވާވޭއިން ވަނީ "ވާވޭ މޮބައިލް ސާވިސަސް" ގެ ނަމުގައި އެޕްލިކޭޝަން ޕެކެއް އުފައްދާފަ އެވެ. އަދި ޑިވެލޮޕަރުންނަށް މާލީ ލުއި ދީގެން އެޕްލިކޭޝަން އުފައްދަން ބިޔަ ޕްރޮޖެކްޓެއް ވަނީ ފަށާފަ އެވެ.

ވާވޭއިން ހާމަނީއޯއެސްއާއެކު މާކެޓަށް ނިކުންނައިރު ފުރަތަމަކޮޅުގައި ބޮޑު މަގުބޫލްކަމެއް ނުލިބުން އެކަށީގެންވެ އެވެ. އެހެން ނަމަވެސް، ވާވޭގެ ނިޔަތަކީ ވާދަވެރިންނާ ރަނގަޅަށް ވާދަ ކުރުން ކަމަށްވާ ނަމަ މިފަރަގު ނައްތާލުން ވާވޭއަށް ބޮޑު ކަމަކަށް ނުވާނެ އެވެ.