ވާވޭ ހާމަނީ އޮޕަރޭޓިން ސިސްޓަމް 2.0 އާންމުކޮށް ދޫކޮށްލަނީ އެވެ. ވާވޭ ސްމާޓްފޯނުތަކަށް ގޫގުލުން އެންޑްރޮއިޑް ނުދިން ހިތާމާގައި ކުރި މަސައްކަތުން މިއޮތީ ބާރުގަދަ އޮޕަރޭޓިން ސިސްޓަމެއް އުފައްދައި ބެނުން ކުރަން ފަށާފަ އެވެ.
ހާމަނީ އޮޕަރޭޓިން ސިސްޓަމް ދެވަނަ ޖީލަކަށް ފައްކާކޮށް މިފަހަރު ސްމާޓްފޯނުތަކަށާއި ޓެބްލެޓްތަކަށް އަދި ސްމާޓް ގަޑިތަކަށް ވެސް ލިއްބައި ދޭނެ އެވެ. މަޝްރަހުގައި ވާހަކަތައް ހުރީ ޓީވީތަކާއި އައިސްއަލަމާރިތައް އަދި ގޭބިސީތަކުގައި ބޭނުން ކުރެވޭ ސްމާޓް އިލެކްޓްރޯނިކްސްއަށް ފޫޅުކަނޑާފައި ހުރި ހުރިހާ ޑިވައިސްއަކަށް ހާމަނީ އޯއެސް ކަމުދާ ގޮތަށެވެ.
ވާވޭއިން ބުނީ މިއަހަރުގެ ނިޔަލަށް 400 މިލިއަން ޑިވައިސްގައި ހާމަނީ އޮޕަރޭޓިން ސިސްޓަމް ބޭނުން ކުރެވޭނެ ކަމަށެވެ.
ވާވޭ އަކީ ގޫގުލް އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމަށް ވަރަށް އިތުބާރުކުރި ކުންފުންޏެކެވެ. ސްމާޓްފޯން މާކެޓްގައި ވާވޭ ފޯނުތައް ކުރިއަރައިގެން ގޮސް އެއަށް ވުރެ ވަކިން ބާރުގަދަ އެހެން ކުންފުންޏެއް ނެތް ހިސާބުގައި އޮއްވައި އެމެރިކާއިން ޗައިނާއަށް އިގުތިސޯދީ ގޮތުން ދަތިކުރަން އެޅި ފިޔަވަޅުތަކުގައި ތާށިވެ ވާވޭއަށް ހުއްޓުން އެރީ އެވެ.
އެމެރިކާއިން ވާވޭއާ ދިމާކުރިި އަނެއް ސަބަބަކީ އެމެރިކާއަށް ކަމުނުދާ ގައުމުތަކާއެކު ވިޔަފާރިކުރުމެވެ. އެގޮތުން އީރާނާއެކު ވިޔަފާރި ކުރިކަން ފަޅާއަރައި އެމެރިކާއިން ގެންގުޅޭ އެންޓިޓީ ލިސްޓަށް ވާވޭގެ ނަން އެރުވީ އެވެ.
އެންޓިޓީ ލިސްޓަކީ ހަގީގަތުގައި ތާކުން ތާކުނުޖެހޭ ކަރުދާސްކޮޅެކެވެ. އެމެރިކާއިން ވާވޭގެ ސީއެފްއޯ ކެނެޑާއި ހައްޔަރުކޮށް ބަހައްޓައިގެން ވެސް ވާވޭ އޮބައިގަނެވޭ ގޮތެއް ނުވި އެވެ. ވާވޭ ކުރިއަރައިގެން ހިނގައިދާނެ ކަމަށް ދުނިޔޭގެ ސިލިކަން މާކެޓާ ގުޅެގަނެ ވާވޭއަށް ޓްރާންސިސްޓަރެއް ވެސް ނުލިވޭވަރު އޮތީ ކޮށްފަ އެވެ.
ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ މައިކްރޮޗިޕްތައް ނުލިބޭނެހާ ގޮތެއް އެމެރިކާއިން ވަނީ ހަދާފަ އެވެ. އެހެނެއް ކަމަކު މިކަމުން ވެސް އަތަށް ގޮވުން ނޫން ކަމެއް ނުވި އެވެ. ވާވޭ އެދަނީ ހާމަނީ އޮޕަރޭޓިން ސިސްޓަމްތައް ސްމާޓް އަވަންތަކަށާއި ގޭސް އުނދުންތަކަށް އަޅައި މޮބައިލް އެޕްލިކޭޝަނަކުން ހުޅުގަނޑު ކޮންޓްރޯލްކުރަމުންނެވެ.