ޓެކްނޯލޮޖީ

ޗައިނާގައި "ސިގްނަލް" އަށް ބުރޫއަރައިފި

މަޝްހޫރު ސޯޝަލް މެސެޖިން އެޕްލިކޭޝަން، ސިގްނަލް ޗައިނާގައި ބޭނުން ކުރަން ދަތިވެ ޝަކުވާ ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެޕް ސްޓޯރުތަކުން ސިގްނަލް ލިބެން ހުރި ނަމަވެސް، "ވީޕީއެން ޓޫލް" އެއް ބޭނުން ނުކޮށް އެކައުންޓެއް ރެޖިސްޓްރީ ވެސް ނުކުރެވެ އެވެ.

ސިގްނަލް އިންސްޓޯލް ކުރުމަށް ފަހު، ފެންނަ ފެނުމުގައި މައްސަލައެއް އުޅޭ ކަމަކަށް ނުދައްކަ އެވެ. އެހެން ނަމަވެސް، މެސެޖް ފޮނުވައި ލިބުމުގައި ގިނައިރުވުން ފަދަ ދަތިތައް މި އެޕް ބޭނުންކުރާ މީހުން އަންނަނީ ތަޖުރިބާ ކުރަމުންނެވެ.

ޗައިނާގައި އިންޓަނެޓް ސެންސަރުކުރާ ވާހަކައަކީ މަޝްހޫރު ވާހަކަ އެކެވެ. ސަރުކާރުގެ ކޮންޓްރޯލް ނޯންނަ ގޮތަށް ކޮންމެ ކޮންމެ އެޕްލިކޭޝަނަކަށް / ވެބްސައިޓަކަށް ހުއްދައެއް ނޯވެ އެވެ. ސަރުކާރަށް ފާޑުކިޔައި ނުރުހޭ ނަމަ އެއެއްޗެއް ގެއްލިގެންދާލެއް ތަންކޮޅެއް އަވަސްވެ އެވެ.

ސިގްނަލް އަކީ ބޭނުންކުރާ މީހުން ކުރާހާ ކަމެއް އެހެން ބަޔަކަށް ނޭނގޭނެ ކަމަށް ބުނާ އެޕްލިކޭޝަނެކެވެ. އެންކްރީޕްޝަން ވަރުގަދަކޮށްފައި ވަނީ ޒާތީ އަދި ފަރުދީ މައުލޫމާތު ސިއްރު ކުރަން ކަމަށް ބުނެ އެވެ. އެހެން ނަމަވެސް، ދެމީހަކު ލޯބިން ދައްކާ ވާހަކައާ ގައުމެއްގެ އިސްތިގްލާލްއާ ގުޅުން ހުރި ވާހަކަތައް އެޕްލިކޭޝަން މެދުވެރިކޮށް ހިންގައި ބަދަލުކުރެވޭ ނަމަ ކޮންމެ ގައުމެއްގައި ވެސް އަމަލުކުރާ އުސޫލުތަކެއް ހުރެ އެވެ.

އިންޑިއާގައި ދަނޑުވެރިން ހިންގާ ހަމަނުޖެހުންތަކާ ގުޅިގެން ޓްވީޓާ ދެކެ ރުޅިއަރައިގަނެގެން އުޅުނު ސިޔާސީ ލީޑަރުންތަކެއްގެ ވާހަކަ ވެސް މިދާކަށް ދުވަހު ދެކެވުނެވެ. ޓްވީޓާ ބޭނުންކުރުން އިންޑިއާގައި ކޮންޓްރޯލްކުރަން ޖެހޭ ކަމަށް ވެސް ބުނެވުނެވެ.

ރަޝިއާއިން ވެސް އުޅެނީ ޓްރީޓާއިން ވަކި ލިންކްތަކެއް ނުނަގައިފި ނަމަ އެގައުމުގައި ޓްވީޓާ ބޭނުންކުން މަނާކުރާށެވެ. އެގައުމުގައި ޓްވީޓާ ނެޓްވޯކް މިހާރު ވެސް ވަނީ ވަރަށް ބޮޑަށް ލަސްކުރުވާފަ އެވެ.

އެމެރިކާގައި ޓިކްޓޮކް އަދި ވީޗެޓް މަނާކުރަން އުޅުނެވެ. މި އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންނަށް ކިތަންމެ ބޮޑު ފައިދާއެއް، ފަސޭހައެއްވި ނަމަވެސް ކޮންމެ ގައުމެއްގައި ވެސް އާންމުންނަށް ހައްދު ކަނޑައަޅަނީ އެވަގުތަކު ހިންގުމުގެ ބާރު އޮންނަ ބައެކެވެ.

ޗައިނާގައި ސިގްނަލް ބޭނުންކުރަން ބުރޫއަރާފައި މިވަނީ މަޝްހޫރު އައިފޯން އެޕްލިކޭޝަން ކްލަބްހައުސްއަށް ވެސް ދުވަސްކޮޅެއް ކުރިން މިފަދަ ބުރޫތަކެއް އަރާފައި ވަނިކޮށެވެ.