ޓެކްނޯލޮޖީ

ޝޯމީ އެމެރިކާ ސަރުކާރަށް ދައުވާކޮށްފި

ޗައިނާއަށް އިގްތިސޯދީ ގޮތުން ދަތި ކުރަން އެމެރިކާއިން ކުރާ މަސައްކަތްތަކުގައި، ރައީސް ޓްރަމްޕްގެ ދައުރު ނިމުމުގެ ކުރިން ވަނީ ޗައިނާގެ ސްމާޓްފޯން ކުންފުނި، ޝޯމީ ވެސް ބްލެކް ލިސްޓްކޮށްފަ އެވެ. މިނިންމުމާ ގުޅިގެން ޝޯމީ ދޫކޮށް ނޮވެމްބަރު 11، 2021 ގެ ކުރިން އިންވެސްޓަރުން ދާންޖެހެ އެވެ. އެހެން ނޫނީ އެ ކުންފުންޏަކަށް ވެސް ދަތިކުރަން ފިޔަވަޅު އެޅުމުގެ އިހުތިޔާރު އެމެރިކާއަށް ލިބެ އެވެ.

ޝޯމީން ނެރުނު ބަޔާނެއްގައި ބުނާ ގޮތުން މިލިޓަރީ ބްލެކް ލިސްޓް ކުރިއެއްކަމަކު ޗައިނާގެ މިލިޓަރީއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ. އެހެންކަމުން ދެން އޮތް ގޮތަކީ ކޯޓުން މައްސަލަ ބެލުން ކަމަށެވެ. ރޮއިޓާސް ބުނާ ގޮތުން ޝޯމީން ވަނީ މި މައްސަލަ ކޯޓަށް ވައްދާފަ އެވެ.

ޝޯމީން މައްސަލަ ހުށަހަޅާފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއާ ދެކޮޅަށް އެމެރިކާ ކޯޓަކަށެވެ. ޝޯމީން ބުނީ މިލިޓަރީ ބްލެކް ލިސްޓް ކުރުމަކީ ގާނޫނަ ގަވާއިދާ ވެސް ފުށުއަރާ ކަމެއް ކަމަށެވެ.

އެމެރިކާއިން މިފަދަ ކަމެއްކުރިއިރު ޝޯމީއަށް އަންގާފައި ނުވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. ޝޯމީން ބުނީ އެކުންފުންޏަށް ނުރަނގަޅަށް ކުރެވިފައި ހުރި ކަމެއް ވެސް އެމެރިކާއަށް ނުދެއްކުނު ކަމަށެވެ.

ޝޯމީން ބުނީ އެމެރިކާ އިންވެސްޓަރުންގެ ހިއްސާވެސް ކުންފުނީގައި އޮންނަ ކަމަށާއި ޗައިނާ މިލިޓަރީއާ ގުޅުން އޮންނަ ނަމަ އެމީހުން ވެސް ޝޯމިއަށް ސަޕޯޓްނުކުރާނެ ކަމަށެވެ. އެމެރިކާގެ އެންޓިޓީ ލިސްޓްގައި މިހާރު ވެސް ޗައިނާ ކުންފުނިތައް ހިމެނެ އެވެ. އޭގެ ތެރޭގައި ވާވޭ، ޒީޓީއީ އަދި ޑްރޯން ކުންފުނި ޑީޖޭއައި ހިމެނެ އެވެ.