ޓެކްނޯލޮޖީ

ޝޯމީއަކީ ޗައިނާ މިލިޓަރީއާ ގުޅުމެއް އޮތް ކުންފުންޏެއް ނޫން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރު ޖެނުއަރީގައި ރައީސް ކަމުގެ ހަތަރު އަހަރު ހަމަވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ޗައިނާގައި އެތިފަހަރަކުން ޖެއްސެއްވި އެވެ. އެމެރިކާއިން ބީޖިންއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތައް ހަރުކަށި ކުރައްވައި ފުޅާކުރެއްވި އެވެ. އެގޮތުން ޓްރަމްޕް ގެންގުޅުއްވާ އެންޓިޓީ ލިސްޓަށް އިތުރު ކުރެއްވި ކުންފުނިތަކުގެ ތެރޭގައި ޝޯމީ ހިމެނުނެވެ. ސަބަބަކީ ޓްރަމްޕް ވިދާޅުވި ގޮތުން ޝޯމީ އަކީ ކޮމިއުނިސްޓް ޗައިނީޒް މިލިޓަރީ ކުންފުންޏަކަށް ވުމެވެ.

ޝޯމީން ބުނި ގޮތުން ކޮމިއުނިސްޓް މިލިޓަރީ ކުންފުންޏެއް ކަމަށް ބުނާ ބުނުމުގައި އެއްވެސް އަސާސެއް ނެތެވެ. އެއީ ޗައިނާއަށް ކުރާ ނަފުރަތެއްގެ ސަބަބުން ކުރި ކަމެކެވެ. ޝޯމީއަކީ ޗައިނާ މިލިޓަރީއާ އެއްވެސް ގުޅުމެއް ނެތް ކުންފުންޏެއްކަން އެމެރިކާގެ ކޯޓަކުން ނިންމަންދެން ވަކާލާތު ކުރާނެ ކަމަށެވެ.

ޝޯމީން ހުށަހެޅި މި މައްސަލަ އެމެރިކާގެ ކޯޓެއްގައި ކުރިއަށް އެބަދެ އެވެ. މައްސަލަ ކުރިއަށް ގޮސްފައި އޮތް ހިސާބަށް ބަލާއިރު ޝޯމީން ދައްކާފައި ހުރި ހެކިތައް ރަނގަޅު ކަމަށް ފަނޑިޔާރު އެއްބަސްވެ ލައްވަ އެވެ. އަދި ޝޯމީއަކީ ޗައިނާ މިލިޓަރީއާ އެއްވެސް ގޮތަކުން ގުޅުމެއް އޮތް ކުންފުންޏެއްކަށް ސާބިތު ކުރެވެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ޝޯމިއަށް ފިޔަވަޅު އެޅުން މަޑުޖައްސާލުމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓްއަށް އަދި ޓްރެޒަރީއަށް ފަނޑިޔާރު މިހާރު ވަނީ އަންގަވާފަ އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުން ޑިފެންސް ޑިޕާޓްމަންޓް ޝޯމީއަށް ފިޔަވަޅު އަޅާފައި ވަނީ ހަރުދަނާ އެއްވެސް ހެއްކަކަށް ރިއާޔަތް ކުރުމެއް ނެތި އެވެ.

ޝޯމީން ބުނީ އެންޓިޓީ ލިސްޓުން ނަން ނަގަންދެން ވަކާލާތު ކުރާނެ ކަމަށެވެ. ޝޯމީއަކީ މުޅިން ވެސް މަދަނީ އާލާތްތައް އުފައްދާ ކުންފުންޏެއްކަން ކޮންމެ ބަޔަކަށް ވެސް ސާބިތު ކުރެވޭނެ ކަމަށެވެ. ޝޯމީ އަކީ ސައްހަ ވިޔަފާރިކުރާ ކުންފުންޏެއްކަން ވެސް އެމެރިކާއަށް އެނގެންޖެހޭނެ އެވެ.

ޝޯމީއަށް ފިޔަވަޅުއަޅާފައި ވަނީ މިލިޓަރީއާ ގުޅުމެއް އޮންނާތީ ނޫން ކަމަށް އެކުންފުނިން ބުނެ އެވެ. އެއީ މާބޮޑަށް ޒާތީވެ ކުރެވޭ ނަފުރަތެއްގެ ބޮޑުކަމުން ބޭއިތިޔާރުގައި ކުރެވިފައިވާ ކަމެއް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.