ވިޔަފާރި

ޗައިނާއިން އެފްރިކާއަށް ދޫކުރާ ލޯނުތައް އިތުރުވެއްޖެ

ބޮސްޓަން ޔުނިވަސިޓީގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕޮލިސީ ސެންޓަރުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ އަހަރު ޗައިނާއިން އެފްރިކާއަށް ދޫކުރި ލޯނުގެ އަދަދު 4.61 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ.

މިއީ 2016 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗައިނާ އިން އެފްރިކާއަށް ދޫކުރާ ލޯނު އިތުރުވި އަހަރެވެ.

2012 އާއި 2018 އާ ދެމެދު، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"ގެ ސަބަބުން އެފްރިކާއަށް އަހަރަކު 10 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބެމުން ދިޔަ ނަމަވެސް 2020 ގައި ކޮވިޑް-19 އާއި ކުރިމަތިލާން ޖެހުމާ ގުޅިގެން މި އަދަދު ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ އަދަދަކީ 2022 އާ އަޅާބަލާއިރު ތިންގުނައަށް ވުރެ އިތުރު އަދަދެކެވެ.

މީގެން ދައްކުވައިދެނީ ދަރަނި ބޮޑުވެފައިވާ އިގްތިސާދުތަކާ ގުޅުންހުރި ނުރައްކާތައް ކުޑަކުރުމަށް ޗައިނާއިން މަސައްކަތްކުރާ މިންވަރު ކަމަށްވެސް ބުނެފައިވެ އެވެ.

2000 އިން 2023 އާ ދެމެދު ޗައިނާއިން ޖުމުލަ 182.28 ބިލިއަން ޑޮލަރު އެފްރިކާއަށް ދޫކޮށްފައިވެ އެވެ.

މީގެ ބޮޑު ބައެއް ހަރަދުކޮށްފައިވަނީ އެފްރިކާގެ ހަކަތަ، ދަތުރުފަތުރު އަދި މުއާސަލާތީ ދާއިރާތައް ތަރައްގީ ކުރުމަށެވެ.