ދުނިޔެ

ޗައިނާގައި ޗިޕް އުފައްދަން ބޮޑު ފަންޑެއް

ޗައިނާގެ އިލެކްޓްރޯނިކްސް ސިނާއަތަށް ކުރިމަތިވެފައި އޮތް މައިކްރޮޗިޕްގެ މައްސަލަތައް ހައްލުކުރުމަށް 47 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ދައުލަތުން އެހީތެރިކަން އޮންނަ ގޮތަށް ހަމަޖައްސައިފި އެވެ.

މިވަރުގެ ބޮޑު އިންވެސްޓްމަންޓަކަށް ދާން ޗައިނާ އިން ނިންމި ސަބަބަކީ އެމެރިކާގެ ދަތިކުރުންތަކުގެ ސަބަބުން ޗައިނާގެ އިލެކްޓްރޯނިކްސް އަދި ސްމާޓް އިލެކްޓްރޯނިކްސް ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމެވެ.

އެމެރިކާގެ ސަރުކާރުން ޗައިނާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުންތަކުގައި، އެމެރިކާގައި އަދި އެމެރިކާގެ ލައިސަންސް އޮންނަ އެއްވެސް ކުންފުންޏަކުން އުފައްދާ މައިކްރޮޗިޕާއި ގުޅުން ހުރި ސޮފްޓްވެއާ -- ޗައިނާއަށް ފޯރުކޮށްދިނުމަކީ މަނާ ކަމެކެވެ.

ދުނިޔޭގެ މާކެޓުން ޗައިނާއަށް މައިކްރޮޗިޕް ލިބުން ދަތިވާން ފެށި ހިސާބުން ޗައިނާ ވަނީ އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތް ފަށާފަ އެވެ. މިގޮތުން މީގެ ކުރިން ވެސް ޗައިނާއިން ވަނީ ޗިޕް ޑިޒައިންކޮށް އުފެއްދުމަށް ބިޔަ އަދަދުތައް ހަރަދުކުރަން ނިންމާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މައިކްރޮޗިޕް އުފައްދަން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާ ބެހޭ ތަފްސީލު މައުލޫމާތެއް ނުލިބެ އެވެ. ފުރަތަމަ ފިޔަވަހީގައި ހިންގަނީ މައުލޫމާތު އެއްކުރުމާއި އިންޓެލިޖެންސް ހޯދުމެވެ.

މައިކްރޮޗިޕް އުފައްދަން ބޭނުންވާ މެޝިންތައް ޑިޒައިންކުރުން އަދި ވާދަވެރިން ކަންކުރާ ގޮތް ހޯދުމަކީވެސް މިހާރު ކުރިއަށްދާ ކަންކަން ކަމަށް ހަބަރުތައް ބުނެ އެވެ.

ޗައިނާ މިހާރު ހިފާފައި އެ އޮތީ އެކުވެރި ގައުމުތައް -- ރަޝިއާ، އުތުރު ކޮރެއާ، އިރާން، ދެކުނު އެފްރިކާ އަދި ގަލްފުގެ އަރަބި ގައުމުތައް ހިމެނޭ ގޮތުން އިގުތިސާދީ ބޮޑު ބާރަކަށް ވުމަށެވެ.

ދުނިޔެއަށް ޗައިނާގެ މި ފިކުރު ވިއްކުމަށްޓަކައި އެކުވެރި ބާރުތަކެއް ޗައިނާއިން މިހާރު ދަނީ އުފައްދަމުންނެވެ.

އިގްތިސާދީ އެހިތެރިކަން ފޯރުކޮށްދިނުމަށް ފަސް ގައުމަކުން -- ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އިސްނަގައިގެން އުފައްދާފައި އޮތް ބްރިކްސް ޖަމާއަތަކީ ވެސް ޗައިނާގެ މިނިވަން އިގުތިސާދަށް މަގު ދައްކައިދޭނެ ގުޅުމެއް ކަމަށް އިގުތިސާދީ މާހިރުން ބުނެ އެވެ.