ދުނިޔެ

ޗައިނާ ސަދާން އެއާލައިން ދަތުރުތައް ފަށަނީ

ޗައިނާގައި ކޮވިޑާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅާފައި ހުރި ނަމަވެސް، ޗައިނާ ސަދާން އެއާލައިނުން 24 މަންޒިލަކަށް އޯގަސްޓް އެކަކުން ފެށިގެން ދަތުރުތައް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށް ބުނެފި އެވެ.

ސަދާން އެއާލައިނުން ޗައިނާގެ ގުއަންޒޯއިން އުތުރު އެމެރިކާއަށް ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ. ދަތުރުމަތީގައި އެމެރިކާގެ ލޮސް އެންޖަލިސްއަށް މަޑުކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ކެނެޑާގެ ވެންކޫވާއަށް ހަފުތާއަކު އެއްފަހަރު އަދި ޕެރިހަށާއި އެމްސްޓެޑާމްއަށް ވެސް ދަތުރު ކުރާނެ އެވެ.

އެފްރިކާ ބައްރަށް ކުރާ ދަތުރުތައް އިތުރު ކުރާނެ ކަމަށް ސަދާން އެއާލައިނުން ބުނެ އެވެ. އެގޮތުން ނައިރޯބީއަށް ހަފުތާއަކު ދެ ދަތުރު އަދި ކެންޔާއަށް ހަފުތާއަކު ދަތުރެއް ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީއަށާއި މެލްބަންއަށް ހަފުތާއަކު އެއްފަހަރު އުދުހޭނެ ކަމަށް ބުނެފައި ވާއިރު މި ދަތުރުތަކަށް ބޭނުން ކުރާނެ ކަމަށް ވަނީ އެއާބަސް އޭ380 ބޯޓެވެ.

އޭސިއާ ބައްރަށް ބަލާއިރު ސަދާން އެއާލައިނުން ޕާކިސްތާންގެ އިސްލާމްއަބާދަށް ހަފުތާއަކު ދަތުރެއް ކުރާނެ އެވެ. އިންޑޮނީޝިއާގެ ޖަކާޓާއަށާއި ޖަޕާންގެ ޓޯކިއޯއަށް އަދި ދެކުނު ކޮރެއާގެ ސޯލްއަށް ހަފުތާއަކު ދެ ދަތުރު ކުރާނެ އެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ހަފުތާއަކު ދެ ދަތުރު، ވިއެޓްނާމަށް ދަތުރެއް އަދި ކެމްބޯޑިއާއަށާއި މިއަންމާއަށް ހަފުތާއަކު ދަތުރެއް ކުރާނެ އެވެ.

ޗައިނާ ސަދާން އެއާލައިނުން ބުނީ އެކި މަގުތަކުން ކަނެކްޓިން ފްލައިޓްތައް ވިއެޓްނާމަށާއި ބެންކޮކްއަށް، ސިންގަޕޫރަށާއި ބަނގްލަދޭޝްއަށް އަދި ފިލިޕީންސްއަށް ވެސް އޮންނާނެ ކަމަށެވެ.