ދަތުރުވެރިންނަށް ހާއްސަ މަތިންދާބޯޓެއް ޗައިނާގައި އުފައްދައި އެ ބޯޓު ގަތް ކުންފުންޏަށް ހަވާލުކޮށްފި އެވެ. މިއީ ދަތުރުވެރިން އުފުލުމަށް ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާބޯޓެވެ.
ކޮމާޝަލް އެއާކްރާފްޓް ކޯޕޮރޭޝަން އޮފް ޗައިނާ (ކޮމެކް) އިން އުފެއްދި ސީ919 މަރުކާގެ ބޯޓު ފޯރުކޮށްދީފައި ވަނީ ޗައިނާ އީސްޓާން އެއާލައިންސް އަށެވެ.
ޚަބަރުތައް ބުނާ ގޮތުން ލަސްތަކެއް ނުވެ މި ބޯޓު ޗައިނާ އީސްޓާންގެ އެހެން ބޯޓުތަކާ އެކު މަންޒިލްތަކަށް އުދުހެން ފަށާނެ އެވެ. އެހެން ނަމަވެސް ދަތުރުވެރިން ގޮވައިގެން އުދުހެން ފަށާ ތާރީހެއް އެއްވެސް ފަރާތަކުން އަދި އިއުލާނެއް ނުކުރެ އެވެ.
ޗައިނާގައި މަތިންދާބޯޓު އުފެއްދުމަށްޓަކައި ވަކި ކުންފުންޏެއް -- ކޮމެކްގެ ނަމުގައި އުފައްދައި މަސައްކަތްކުރަމުން ގެންދާތާ 14 އަހަރު ވަނީ ވެފަ އެވެ. މި މުއްދަތުގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓަށް ބޭނުންވާ ފެންވަރުގައި މަތިންދާބޯޓު އުފެއްދުމަށްޓަކައި ވަރަށް ގިނަ ދިރާސާ ކުރި ކަމަށް ކޮމެކުން ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސީ919 އަކީ ބޮއިން އަދި އެއާބަސްގެ ފަހުގެ ޖެޓުތަކަށް ވާދަވެރިއަކަށް ވާނެ އެވެ. ކޮމެކުން ބުނާ ގޮތުން ސީ919ގެ އަގަކީ 99 މިލިއަން ޑޮލަރެވެ. ބޯޓު ޑިޒައިންކޮށްފައި ވަނީ 158 އަދި 192 ދަތުރުވެރިން އުފުލޭ ފެންވަރަށެވެ.
ބޮއިން އަދި އެއާބަސްއިން އުފައްދާ މަތިންދާބޯޓުތަކުގެ އަގު -- ބޯޓަކަށް ޖެހޭ އަގު ސާފުވެފައި ނެތް ނަމަވެސް އިގުތިސާދީ މާހިރުން ގަބޫލުކުރާ ގޮތުގައި އެއާބަސް 320 ނިއޯގެ ވަކި ބޯޓެއްގެ އަގު 111 މިލިއަން ޑޮލަރަށް އަރާނެ އެވެ. އަދި ބޮއިން 737 މެކްސް މަތިންދާބޯޓެއްގެ އަގު އުޅޭނީ 122 މިލިއަން ޑޮލަރުގަ އެވެ.
ޗައިނާގެ ކޮމެކުން އުފައްދާ ބޯޓުތައް ބޮއިން އާއި އެއާބަސްއަށް ވުރެ އަގު ހެޔޮ ނަމަވެސް، ކޮމެކުގެ މުސްތަގުބަލު އޮތީ އެ ކުންފުނިން އުފައްދާ މަތިންދާބޯޓުތަކަށް ކަސްޓަމަރުން އިތުބާރުކުރާ މިންވަރަކުންނެވެ.
ކޮމެކުގެ ބޯޓުތައް ކާމިޔާބުކަމާ އެކު އުދުހެން ފަށައިފި ނަމަ މަޝްހޫރު އެއާލައިންތަކުން ޗައިނާއަށް އެނބުރޭނެ ކަމަށް މަސްރަހު ދަންނަ މީހުން ބުނެ އެވެ.
ޗައިނާގެ އެއާލައިންތަކަށް ބެލި ނަމަވެސް ބޮއިންގެ މަތިންދާބޯޓުތަކާއި އެއާބަސްގެ ޖެޓުތައް ވަރަށް ގިނަ އެވެ. އަނެއްކޮޅުން ސީ919 އުފައްދާފައި ވަނީ ހުޅަނގަށް ބަރޯސާކޮށްގެންނެވެ. މި ބޯޓުގެ އިންޖީނާއި ފްލައިޓް ކޮންޓްރޯލް ސިސްޓަމް އުފައްދާފައި ވަނީ ޖެނެރަލް އިލެކްޓްރިކް އާއި ސަފްރަން އަދި ހަނީވެލްއަށް ކަމުކިޔައިގެންނެވެ.