ދުނިޔެ

ވާވޭއިން ލޮބީ ގުރޫޕެއްގެ އެހީގައި ވައިޓް ހައުސްއަށް

ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް ވައިޓް ހައުސްއާ ގުޅުން ބަދަހި ކުރަން ލޮބީ ގުރޫޕެއްގެ އެހީ ހޯދަނީ އެވެ. ވާވޭއިން މިކަމަށް އިހުތިޔާރު ކޮށްފައި ވަނީ މަޝްހޫރު ޓޮނީ ޕޮޑެސްޓާ އެވެ.

އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުން ޕޮޑެސްޓާ އަކީ ކުޅަދާނަ މީހެކެވެ. ބައިޑަން ސަރުކާރުގެ ވެރިންނާ ގާތް، އާންމު ގޮތެއްގައި އެމެރިކާގެ ސީނިއާ ފެންވަރުގެ މީހުން މެދުގައި މަގުބޫލް މީހެކެވެ.

އެމެރިކާއިން ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް ދަތިކުރަން ފިޔަވަޅުތައް އަޅާފައިވި ނަމަވެސް ވަކިވަކި ކުންފުނިތަކަށް ލުއި ދީފައި އެބަ ހުއްޓެވެ. ވާވޭއިން މިހާރު ބޭނުން ވަނީ ރިޒަވޭޝަނެއް ހަދައިގެން ނަވެސް ބައިޑަން ސަރުކާރުން ލުޔެއް ލިބޭތޯ ބަލާށެވެ.

ޕޮޑޭސްޓާ ވާވޭއާ ހަވާލުވެއްޖެ ނަމަ ވާވޭ ވާނީ އޭނާ މަސައްކަތް ކޮށް ދެއްވާ ޗައިނާގެ ދެވަނަ ކުންފުންޏަށެވެ. ޚަބަރުތައް ބުނާ ގޮތުން ޕޮޑެސްޓާއަށް އޮތް މަސައްކަތަކީ ވާވޭއާ މެދު އެމެރިކާ ސަރުކާރުން ދެކޭ ގޮތް ބަދަލު ކޮށްލުމެވެ.

އެމެރިކާއިން ވާވޭއަށް ދަތިކޮށް އެމެރިކާގައި އުފައްދާ އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކްސް ވިއްކުން މަނާ ކުރުމުން ވާވޭއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. ވާވޭ ސްމާޓްފޯންތަކަށް ބޭނުންވާ މައިކްރޮޗިޕްތައް ނުލިބުމުގެ އިތުރުން ވާވޭގެ އުފެއްދުންތައް އެމެރިކާގައި ވިއްކުން ވެސް އޮތީ މަނާ ކޮށްފަ އެވެ.