ދުނިޔެ

އިނގިރޭސި ސަފީރު ޗައިނާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފި

ޗައިނާގައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮލީން ވިލްސަން އަނެއްކާ ވެސް ފޮރިން މިނިސްޓްރީއަށް ހާޒިރު ކޮށްފި އެވެ. އެއީ ޗައިނާ ސަރުކާރުގެ އޮފިޝަލުންނަށް އިނގިރޭސިވިލާތުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި ވާތީ އެއީ ކޮންހަމައަކުން ކުރެއްވި ކަމެއްތޯ ސާފު ކުރެއްވުމަށެވެ.

އިނގިރޭސިވިލާގާއި ޔޫރަޕުން ބުނާ ގޮތުން ޝިންޖިއާން ޕްރޮވިންސްގައި ދިރިއުޅޭ ވީގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ލާއިންސާނީ އަމަލުތައް އަދިވެސް އަންނަނީ ހިންގަމުންނެވެ.

ޗައިނާގެ ނައިބު ރައީސް ޗިން ގަންގް އިނގިރޭސި ސަފިރާ ބައްދަލު ކުރައްވައި، އޮފިޝަލުންނަށް ދަތި ކުރުން ބަލައި ނުގަންނަވާ ކަމަށް ވިދާޅުވި ކަމަށް ގްލޯބަލް ޓައިމްސްއިން ބުނެ އެވެ.

ޝިންޖިއާން ޕްރޮވިންސްގައި ދިރިއުޅޭ ވިގޫރު މުސްލިމުންނަށް ސަރުކާރުގެ އޭޖެންޓުން އަނިޔާކޮށް ހައްގުތަކުން ބާކީ ކުރާ މައްސަލާގައި އެމެރިކާއާ ޔޫކޭ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން، ޖުމުލަ 30 ގައުމަކުން ޗައިނާއަށް އިންޒާރު ދިނުމަށް ފަހު ވަނީ ބަޔާނެއް ނެރެފަ އެވެ. އެއީ އެގަމުތައް އެއްއަޑަކުން ވާހަކަދައްކައި ޗައިނާއަށް ދަތިކުރަން އެއްއުސޫލަކުން މުއާމަލާތްކުރުމަށެވެ.

ވިގޫރު މުސްލިމުންނަށް ޝިންޖިއާންގެ އޮފިޝަލުން ދަނީ ޖެއްސުންކޮށް އެންމެ އަސާސީ ހައްގުތަކުން ބާކީ ކުރަމުންނެވެ. ދީނީ މިނިވަންކަން ހިފަހައްޓައި ރޯދަ ހިފުން އަދި ނަމާދު ކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ. ކޭމްޕްތަކުގައި އެކަހެރި ކުރުމާއި ބިރު ދައްކައި ގަދަ ބާރުން މަސައްކަތް ކުރުވުން އަދި ނަސްލު ނައްތާލަން މަސައްކަތް ކުރުން ހިމެނެ އެވެ.

ޗައިނާއާ ދެކޮޅަށް ބަޔާން ނެރެފަައި ވަނީ ކެނެޑާގެ ފޮރިން މިނިސްޓަރު މާކް ގާނޯ، އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިސްނަންގަވައިގެނެވެ.