ދުނިޔޭގައި ޗައިނާ ބާރު ގަދަ ކުރަމުން އަންނަނީ އެމެރިކާއަށާއި ބައިވެރިންނަށް ގޮތެއް ނިންމަން އުނދަގޫހާ ބާރު މިނުގަ އެވެ. އިނގިރޭސިވިލާތުގައި މި މަހުގެ 11 އިން 13 އަށް ޖީ7 ގައުމުތަކުގެ ވެރިން ބައްދަލުކޮށް ސައްލާތައް ކުރަމުން އަންނަ މައިގަނޑު މައުލޫއަކީ ވެސް ޗައިނާ އެވެ. އެހެން ނަމަވެސް، ޗައިނާއާ މެދު އަމަލު ކުރާނެ ވަކި ގޮތެއް ގައުމުތަކުގެ ވެރިންނަށް އަދި ވެސް ނުނިންމެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ތެރެއިން ލީކުވި ވާހަކަތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. ބައިޑަންގެ ޕްރެސް ޓީމުން ނަގާފައި ހުރި ކުރު ނޯޓުތަކަކަށް ބަލާއިރު ޖީ7 ގެ ސަމިޓްގައި ޗައިނާއާ މެދު އެއް ފިކުރަކުން އަމަލު ކުރަން ބައިވެރިންނަށް އުނދަގޫ ވެގެން އުޅޭކަން އެނގެ އެވެ.
ވައިޓް ހައުސްގެ މީޑިއާ ޓީމުން އިޝާރާތްކުރި ވާހަކަތަކަށް ބަލާއިރު ޗައިނާއާ މެދު ފިޔަވަޅުތައް ހަރުކަށި ކުރަން ހުށަހަޅާފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން އެވެ.
ޗައިނާއާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަން އެދިފައި ވަނީ ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އާއި އިޓަލީ ބޮޑުވަޒީރު މާރިއޯ ދުރާގީ އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަން އަދި ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލްސް މިޝޭލް ހިނެމެ އެވެ.
ޔޫރަޕިއަން ކައުންސިލުން ފާހަގަ ކުރި ގޮތުން ޗައިނާއިން ހުރިހާ ކަމެއްގައިހެން އެއްބާރުލުން ދެ އެވެ. އަދި މަޝްވަރާގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދިފައި ހުރިކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. ޔޫރަޕުން ދެކޭ ގޮތުގައި ހަރުކަށި ފިޔަވަޅު އެޅުމަކުން ވާނެ ވަކި މޮޅެއް ނޯންނާނެ އެވެ. އަރާރުމާއި ގެއްލުން ނޫން ކަމެއް ވެސް ނުވާނެ އެވެ.