ޑަބްލިޔޫއެޗްއޯ

"ޑަބްލިޔުއެޗްއޯ ކޮވިޑް ރިޕޯޓާމެދު ގައުމުތައް ކަންބޮޑުވޭ"

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބައިނަލްއަގްވާމީ ސައިންސްވެރިންގެ ޓީމެއް މިއަހަރު ޖެނުއަރީގައި ޗައިނާއަށް ފޮނުވި އެވެ. އެއީ ވުހާންގައި ކޮވިޑް އުފެދި ފެތުރު ގޮތް ބަލައި ދިރާސާ ކުރުމަށެވެ. އެ ޓީމުގައި ހިމެނެނީ ބައިނަލްއަގްވާމީ 10 ތަޖުރިބާކާރަކާއި ޗައިނާގެ 17 ތަޖުރިބާކާރެކެވެ.

ސިއްހަތު ޖަމިއްޔާގެ ސައިންސްވެރިން ދިރާސާތަކަށް ފަހު އެކުލަވައިލި ރިޕޯޓް ބުނާ ގޮތުން އިންސާނުންނަށް ކޮވިޑް ޖެހެން މެދުވެރިވީ ޖަނަވާރެއްގެ ސަބަބުންނެވެ. އަދި އިންސާނުންނަށް ކޮވިޑްޖެހިފައި ވަނީ ލެބުން ބޭރުވި ވައިރަހަކުން ކަމަށް ބުނަން ދައްކާނެ އެއްވެސް ހުއްޖަތެއް ނެތެވެ.

ދުނިޔޭގެ ބާރު ގަދަ ގައުމުތަކުން ބުނާ ގޮތުން ޑަބްލިޔުއެޗްއޯގެ މި ނިންމުމާ މެދު ކަންބޮޑުވެ އެވެ. ސާދަ ގައުމަކުން އޭގެ ތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، ޑެންމާކް އަދި ޔޫރަޕްގެ ގައުމުތަކުން ބުނާ ގޮތުން ކޮވިޑް އުފެދުނު ގޮތާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯގެ ނިންމުން ބަލައިގަންނަން ފަސޭހައެއް ނޫނެވެ. ކޮވިޑް އުފެދި ފެރުތުނު ގޮތް އަލުން ޖެހޭނީ ބަލާށެވެ.

ޑަބްލިޔުއެޗްއޯގެ ރިޕޯޓާ ބެހޭ ގޮތުން ޝަކުވާކުރާ ގައުމުތަކުން ބުނަނީ ތަޖުރިބާކާރުންގެ ޓީމަށް ޗައިނާއަށް އެރުނީ އެތައް މަސައްކަތަކުން އަދި ވަތުގު ފާއިތުވި ފަހުން ކަމަށެވެ.

ސައިންވެރިންގެ ހޯދުންތަކަށް ޗައިނާއިން އެއްބާރުލުން ދީފައި ނުވުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ. ޗައިނާގެ އިދާރާތަކުން ސައްހަ މައުލޫމާތު ހިއްސާ ކުރަން ދެކޮޅު ހެދުމަކީ ވެސް ރިޕޯޓްގައި ބުނާ އެއްޗެއް ގަބޫލު ކުރެވެން ނެތް ސަބަބެކެވެ.

ސައިންސްވެރިނަށް އެމީހުންގެ އަމިއްލަ އިހުތިޔާރުގައި ގޮތެއް ނިންމަން ފުރުސަތު ލިބިފައި ނުވާ ކަމަށް ގައުމުތަކުން ބުނެ އެވެ. މި ބަޔާނުގައި ސޮއިކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮސްޓްރޭލިއާ، ކެނެޑާ، ޒެކް ރިޕަބްލިކް، ޑެންމާކް، އެސްޓޯނިއާ، އިޒްރޭލް، ޖަޕާން، ލިތުއޭނިއާ، ނޯވޭ، ސައުތު ކޮރެއާ، ސްލޮވީނިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔޫއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވި ގޮތުން ސައިންސްވެރިންގެ ޓީމަށް ދަތިތަކެއް ކުރިމަތިވި ކަމަށް އެމީހުން ބުނެފައިވެ އެވެ. އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް އެދިވަޑައިގެންނެވީ ވައިރަސް އުފެދުނު ގޮތް އަލުން ބެލުމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ރިޕޯޓްގައި ހުރި ކަންބޮޑުވުންތައް ފިލައި ދާނީ މައްސަލަ އަލުން ބަލައި ތަހުގީގު ކޮށްގެން ކަމަށެވެ.