މެންބަރު ހުސައިން މުހައްމަދު ލަތީފް

ގުރުއާން މުބާރާތުގެ ހައިބަތާއި ޝަރަފުވެރިކަން އިތުރުކުރާނަން: ނައިބް ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހައިބަތާ ޝަރަފުވެރިކަން އިތުރުކުރައްވައި މުބާރާތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކުރައްވާނެ ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ގައުމީ ފެންވަރުގައި ބާއްވާ ކީރިތި ގުރުއާނުގެ އެންމެ ބޮޑު ދަރުބާރު ކަމަށެވެ.

"އެހެންކަމުން މި މުބާރާތް ބޭއްވުން އަހަރެއް އަހަރަކަށް ވުރެ ހަރުދަނާކުރަން، ފެންވަރު ރަނގަޅުކުރަން ސަރުކާރުން ބޭނުންވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒަކީ، އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމެއް ބިނާކުރުން ކަމަށާއި އެހެންވެ އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަން ފާއިތުވި ހަތްމަސް ދުވަހުގެ ތެރޭގައި އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކީރިތި ގުރުއާން ކިޔަވާ ޒުވާން ކުދީންނާއި ކުޑަކުދީންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރީތިކޮށް ގުރުއާން ކިޔެވުމުގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ހުޅުވައިދީފައިވާ ކަމުގައި ވިދާޅުވި އެވެ.

"ގުރުއާން ކިޔަވައިދޭ އަދި ގުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ގުރުއާން ހިތުދަސްކުރާ ކުދީންނަށް އިތުރު އިނާޔަތާއި އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ މި ސަރުކާރުގެ އަމާޒެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އިސްލާމިކް މަރުކަޒުގައި ރޭ ބޭއްވި މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ގުރުއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ތައްޔާރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކި ގުރުއާން ކިޔެވުމަކީ އަޅުކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރުމަށް އެދިވަޑައިގެންފަ އެވެ. ކޮންމެ ދުވަހަކުވެސް ގުރުއާނުން މިންވަރެއް ކިޔަވަން ވަގުތުކޮޅެއް ހޯދޭތޯ މަސައްކަތް ކުރެއްވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"ގުރުއާން ކިޔަވާ ކޮންމެ ވަގުތެއްގައިވެސް ތަރުތީލު މަގުން ކިޔެވުމަށް ސަމާލުކަންވެސް ދޭންޖެހޭ. ގުރުއާން ކިޔެވުމާއިއެކު ގުރުއާން ތަދައްބުރުކުރުމަކީވެސް މުހިއްމު ކަމެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެ އެވެ. އެއީ ސިޓީތަކަށް ނިސްބަތްވާ 52 ސްކޫލަކުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލްތަކަށް ނިސްބަތްވާ ސްކޫލުތަކުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ.