މޯލްޑިވްސް އިމިގްރޭޝަން

އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓްކޮށްލަނީ

އެއްވެސް ހުއްދައެއް ނެތި އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި އެ މީހުން ޑީޕީޓްކޮށްލާނެ ކަމުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

ޝަމްއާން މިހެން ވިދާޅުވެފައި މިވަނީ މާލޭގެ ލޯކަލް މާރުކޭޓާއި މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ މާރުކޭޓްތަކުގައި އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ގާނޫނާއި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 50 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެވެ.

ޝަމްއާން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

މީގެތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އުސޫލުގެ ތެރެއިން އެ މީހުން ރާއްޖެއިން ޑީޕޯޓްކޮށް ފޮނުވާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެހެންވެ ޝަމްއާން ވިދާޅުވީ އެ މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.