ދުނިޔެ

"ޣައްޒާގައި ބާކީ ހުރި ހޮސްޕިޓަލްތައްވެސް ބަންދުކުރަން ޖެހިދާނެ"

ޣައްޒާގައި ބާކީ ހުރި ހޮސްޕިޓަލްތަކާއި ސިއްހީ އެހީ ފޯރުކޮށްދޭ މަރުކަޒުތައް އަދި އޮކްސިޖަން ސްޓޭޝަންތައް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ބަންދުކުރަން ޖެހިދާނެ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރައިން ބުނެފި އެވެ.

އިންޖީނުތަކާއި ޖަނަރޭޓަރުތައް ހިންގަން ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ސިއްހީ މަރުކަޒުތައް ބަންދުކުރަން ޖެހިއްޖެނަމަ -- މިހާރުވެސް ހާލަތު ވަރަށް ގޯސްވެފައި އޮތް ޣައްޒާގައި ބޭސް ފަރުވާ ދޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ސިއްހީ އިދާރާއިން ބުންޏެވެ.

އދ އާއި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުގެ އެހީތެރިކަން ނުލިބިއްޖެނަމަ، ސިއްހީ މަރުކަރުޒުތަކުގައި ތިބި ބަލި މީހުންގެ ހާލަތު އަތުނުޖެހިދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، ޣައްޒާގެ އުމްރާނީ ތަރައްގީ ވަނީ މުޅިން ސުންނާފަތިކޮށްފަ އެވެ.

ހަމާސްގެ ހަނގުރާމަވެރިން އަތުލައި، ހަމާސް ނައްތާލުމަށް ކަމަށް ބުނެ އިޒުރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ހޮސްޕިޓަލްތަކާއި ސްކޫލްތައް އަދި ރެފިއުޖީ ކޭމްޕްތައްވެސް ވަނީ ނައްތާލާފަ އެވެ.

ޒަޔަނިސްޓުން ބުނާ ގޮތުން ހަމާސްގެ ހަނގުރާމަވެރިން ހިމާޔަތް ހޯދަން ވަދެ ތިބެނީ ސިއްހީ މަރުކަޒުތަކަށާއި ރެފިއުޖީ ކޭމްޕްތަކަށެވެ. އަދި އެތަން ތަނުގައި ހަތިޔާރު ރައްކާކުރާ ކަމަށްވެސް ޔަހޫދީން ތުހުމަތުކުރެ އެވެ.

އިޒުރޭލުގެ ފަނާކުރަނިވި ހަމަލާތަކުގައި ޣައްޒާއިން 37،800 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 86،900 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ޒަޔަނިސްޓުންގެ ހަމަލާތަކުގައި މަރުވި މާބަނޑު އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އެތައް ބައެއްގެ އަތްފައި ވަނީ ގެއްލި ނުކުޅެދިފަ އެވެ.

ޣައްޒާއިން ކާބޯތަކެތި ހުސްވެ އަދި ކާނެ އެއްޗެއް ހޯދާނެ ގޮތް ނެތި ބޮޑު އާބާދީއެއް ވަނީ ބަނޑަށް ޖެހިފަ އެވެ. މިވަރުން ވެސް ޔަހޫދީން ބުނަނީ ހަމާސް ނައްތާލާފައި ނޫނީ ހަނގުރާމަ ހުއްޓައި ނުލާނެ ކަމަށެވެ.