ހަބަރު

އާޓިފިޝަލް ބީޗްގައި ސިޔާސީ ހަރަކާތަކާއި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން މަނާކޮށްފި

މާލޭގެ ބީޗު ފަދަ ތަންތަނުގެ ތެރެއިން، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން ކަނޑައަޅާ ތަންތަނުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެ ތަންތަން ކުއްޔަށްދިނުމަށްޓަކައި ހާއްސަ އުސޫލެއް އެކުލަވާލައިފި އެވެ.

މިއަދު މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން، ކުއްޔަށް ދޫކުރެވޭ އެއްވެސް ތަނެއްގައި ސިއްހަތަށް ނޭދެވޭ އަސަރުކުރާ ފަދަ، ނަފާ ލިބޭ ވިޔަފާރިއެއްގެ ޕްރޮމޯޝަނަލް ހަރަކާތެއް ނުވަތަ ސިޔާސީ އެއްވުމެއް ނުވަތަ ސިޔާސީ ހަރަކާތެއް ނުހިންގޭނެއެވެ. އެހެންނަމަވެސް، އިޖުތިމާއީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ދައުލަތުގެ މުއައްސަސާއަކުން ބާއްވާ އިވެންޓެއް ބޭއްވުމަށް މި މާއްދާ ހުރަހެއް ނާޅާނެ ކަމަށް އުސޫލުގައިވެ އެވެ.

ތަންތަން ދޫކުރާ އުސޫލު

  • "ރައިވެރިބޭ މައިޒާން"؛ ކުޑަކުދިންނާ ގުޅޭ ހަރަކާތްތައް ހިންގުމަށް
  • "ވިލިނގިލީ ބީޗް"؛ ހުރިހާ އުމުރަކާގުޅޭ ހަރަާކތްތައް ހިންގުމަށް
  • "އާޓިފިޝަލް ބީޗް"؛ ހުރިހާ އުމުރަކާ ގުޅޭ ހަރަކާތްތައް ހިންގުމަށް
  • "ރަސްފަންނު"؛ ހުރިހާ އުމުރަކާ ގުޅޭ ހަރަކާތްތައް ހިންގުމަށް

އުސޫލުގައިވާ ގޮތުން ބަޔާންކުރާ ކުއްޔަށް ދޫކުރާ ތަންތަނުގެ ތެރެއިން ކުއްޔަށްދޭ ތަނުގައި، ކުއްޔަށްދެވޭ ދުވަހު ބޭއްވޭނީ އެއް ހަރަކާތެވެ.

"ތަންތަނުގެ ތެރެއިން އެއްވެސް ތަނެއްގައި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ކުރުމާއި، އަދި މިނޫންވެސް ގާނޫނު މަނާކުރާ އެއްވެސް ކަމެއް، ކުއްޔަށް ހިފާ ފަރާތުންވެސް އަދި ތަނަށް ވަދެ އުޅޭ އެހެން ބަޔަކުވެސް ކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުގެ ބަޔަކު ކަމަށް މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި ކުއްޔަށް ދޫކުރި ކުރުން ވަގުތުން ބާޠިލުކުރުމަށްފަހު އެ ފަރާތަކުން ހިންގަމުންދިޔަ ހަރަކާތް ހުއްޓުވައި ތަން ހުސްކުރެވިދާނެއެވެ." އުސޫލުގައިވެ އެވެ.

މިނިސްޓްރީން އަލަށް އެކުލަވާލި އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތުން އާޓިފިޝަލް ބީޗާއި ރައިވެރިބޭ މައިޒާން އަދި ވިލިމާލެ ބީޗު ކުޑަކުދިންގެ ހަރަކާތްތަކާއި އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލް، ދައުލަތުގެ މުއައްސަސާތައް، ޖަމިއްޔާ ޖަމާއަތްތަކަށް ކުއްޔަށް ދޭނީ 500 ރުފިޔާ އަށެވެ.

ރަސް ފަންނު އަދި މުއިވެޔޮދޮށު މައިޒާން އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށާއި ސްކޫލް ދައުލަތުގެ މުއައްސަސާތައް ޖަމިއްޔާ ޖަމާއަތްތަކަށް ކުއްޔަށް ދޭނީ 500 ރުފިޔާއަށެވެ. ނަމަވެސް ކުޑަކުދިންގެ ހަރަކާތެއް ނަމަ އެ ދެ މައިޒާން ކުއްޔަށް ދޭނީ 200 ރުފިޔާއަށެވެ.