އިޒްރޭލުން ޣައްޒާއަށް އަރައިގަނެ ހައްޔަރުކޮށްގެން ޖަލަށް ގެންދިޔަ ފަލަސްތީނުގެ 55 މީހަކު ދޫކޮށްލައިފި އެވެ.
މީގެ ތެރޭގައި އަލްޝިފާ ހޮސްޕިޓަލްގެ ޑައިރެކްޓަރު މުހައްމަދު އަބޫ ސިލްމިޔާވެސް ހިމެނެ އެވެ.
މުހައްމަދު އަބޫ ސިލްމިޔާ ހައްޔަރުކީ މީގެ ހަތް މަސް ކުރިން ޒަޔަނިސްޓުން އަލްޝިފާ ހޮސްޕިޓަލަށް ވަދެގަނެ ލޫޓުވުމުގެ ތެރެއިންނެވެ.
ޒަޔަނިސްޓުން އަލްޝިފާ ހޮސްޕިޓަލަށް ވަދެގަތީ އެއީ ހަމާސްގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ އެވެ.
އެ ހޮސްޕިޓަލްގައި ހަމާސްގެ ހަތިޔާރާއި، ހަނގުރާމަވެރިން ދިރިއުޅެން ބިންގަރާސްތައް ހަދާފައި ހުރި ކަމަށް އޭރު ޔަހޫދީން ބުންޏެވެ.
މި މީހުން ދޫކޮށްލުމާ އެކު ސިއްހީ ފަރުވާ ދިނުމަށް އައްނާސިރު ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އެ ހޮސްޕިޓަލުގެ ޑައިރެކްޓަރު ނާހިދު އަބޫ ތައިމާ ވިދާޅުވި އެވެ. މީގެތެރެއިން ބައެއް މީހުން އަލްއަގްސާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް ވެއެވެ.
އިޒުރޭލުން ތުހުމަތުކުރާ ގޮތުގައި ޣައްޒާގެ ހޮސްޕިޓަލުތަކުން ހަމާސްގެ ހަނގުރާމަވެރިން ފޮރުވައިގެން ގެންގުޅެ އެވެ. އަދި ހަނގުރާމަވެރިންގެ ސާމާނުތައް ހޮސްޕިޓަލުތަކުގައި ފޮރުވާފައި ހުންނަ ކަމަށްވެސް ޒަޔަނިސްޓުން ބުނެ އެވެ.
ޒަޔަނިސްޓުން ޣައްޒާގެ ހޮސްޕިޓަލުތަކަށް ވަދެގަތް ނަމަވެސް ހަނގުރާމަވެރިން ތިބޭ ކަމުގެ ސާފު ގަރީނާއެއް ހޯދިފައެއް ނުވެ އެވެ. މަކަރުވެރި ޔަހޫދީން ރާވައިގެން ކުޅެފައި ހުރި ވީޑިއޯތަކާއި ނަގާފައި ހުރި ފޮޓޯތައް ފިޔަވައި -- ހަމާސްއާ ގުޅުމެއް ހުރި އެކައްޗެއްވެސް ފެނިފައެއް ނުވެ އެވެ.
ހަމާސްގެ ހަނގުރާމަވެރިން ހޯދަން ކަމަށް ބުނެ އިޒުރޭލު ސިފައިން ޣައްޒާގެ ހޮސްޕިޓަލުތަކަށް ވަދެ ތަކެއްޗަށް ގެންލުދީ ބަލި މީހުން ވަނީ މަރާފަ އެވެ. ބަލި އެނދުގައި ތިބި އެތައް ބަޔަކު އެހާލުގައި ދިރި ތިއްބައި ޑަސްޓްބިން ކޮތަޅު އޮޅައި ވަނީ ވަޅުލާފަ އެވެ.
އިޒުރޭލު ޖަލުން މިނިވަންކޮށް ދޫކޮށްލުމުން މުހައްމަދު އަބޫ ސިލްމިޔާ ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒުރޭލު ޖަލުތަކުގައި ފަލަސްތީން މީހުންނަށް ވަރަށް އިހާނެތިކޮށް ހިތަ އެވެ.
އޭނާ އަދި ވިދާޅުވީ ޖިސްމާނީ އަދި ނަފުސާނީ އެތައް އަނިޔާއެއް، ފަލަސްތީން މީހުންނަށް ޖަލުތަކުގައި ދެމުންދާ ކަމަށެވެ.