ދުނިޔެ

އިޒުރޭލާ ހެދި ޣައްޒާއަށް އެހީ ވެއްދޭ ގޮތެއް ނުވޭ: އދ

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒުރޭލުން ވަރަށް ބޮޑަށް ހުރަސްއަޅާ ކަމަށް އދ އިން ބުނެފި އެވެ.

މިދިޔަ ޖޫން މަހު ޣައްޒާއަށް ލިބުނު 115 ޝިޕްމަންޓްގެ ތެރެއިން ދެބައިކުޅަ އެއްބައިވެސް ޣައްޒާއަށް ވެއްދޭ ގޮތް ނުވި ކަމަށް އދ އިން ބުންޏެވެ.

އެ ޖަމާއަތުން ބުނީ ޣައްޒާއަށް ފޮނުވާ އެހީގެ ލޮރީތަކަށް އިޒުރޭލުން ހުއްދަ ނުދިނުމާއި، ހައްދުން ނައްޓާފައި ތިބި ޔަހޫދީ އާންމުންގެ އުނދަގުލާ ހެދި ޣައްޒާއަށް އެހީ ވެއްދޭ ގޮތް ނުވާ ކަމަށެވެ.

ލޮރީތަކަށް ބިރުދެއްކުމާއި، ޑްރައިވަރުންނަށް އަނިޔާކުރުން އަދި ފޭރުމާއި ލޮރީތަކުގައި އަލިފާންޖެހުން ފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން، ޣައްޒާއަށް ލިބޭ ގިނަ އެހީތައް ބޭނުންނުކުރެވި ހަލާކުވަނީ ކަމަށްވެސް އެކުވެރި ދައުލަތްތަކުން ބުނެ އެވެ.

އދގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ތަކެތި ރައްކާކުރާނެ ތަނެއް ނުލިބުމަކީވެސް ކުރިމަތިވެފައި އޮތް ކާރިސާއެއް ކަމަށެވެ.

ކާންބޯން ބޭނުންކުރާ އެއްޗެއް ތަނެއްގައި ބަހައްޓައިފިނަމަ ބޯހަރު ޔަހޫދީން އެ ތަކެތި ވަގަށް ގެންދިއުމާއި، ޕާރުސަލުތައް ކަނޑައި އެކި ތަންތަނަށް އުކައި ހަލާކުކުރާ ކަމަށްވެސް އެ ޖަމާއަތުން ބުންޏެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ޣައްޒާއަށް އެހީތެރިކަމެއް ވެއްދެން ހުރި ހުރިހާ ދިމާއެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ސެކިއުރިޓީ ޗެކްޕޮއިންޓަކުން ހުއްދަ ދިން އިރަކުން އަދި ހުއްދަ ދިން އެއްޗެއް ނޫނީ ނުވެއްދޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒުރޭލުން ހުރަސް ނާޅާ ކަމަށް ބުނި ނަމަވެސް ތަރުޖަމާން ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި ބުނެލާ ބަހެކެވެ. އެކަން އަމަލުން ނުފެންނަ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 38،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެހީދޭ ޖަމާއަތްތަކާއި ނޫސްވެރިން ބުނާ ގޮތުން ޣައްޒާގެ ހާލަތު މިހާރު އޮތް ގޮތް ބަޔާންކޮށްދިނުމުގެ ބާރު ބަސްމޮށުންތެރިކަމުގައިވެސް ނެތެވެ.

ނުފޫޒު ގަދަ ބައެއްގެ ނިވާގައި ތިބެގެން ޒަޔަނިސްޓުން ހިންގާ ޖަރީމާތައް ބަލައި ފަލަސްތީނަށް އިންސާފު ހޯދައިދޭނެ ބަޔަކުވެސް ނެތެވެ.