ޖޭއެސްސީ

ހަތަރު މެޖިސްޓްރޭޓަކު އެހެން ރަށަކަށް ބަދަލުކޮށްފި

ހަތަރު މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވަމުން ގެންދެވި ރަށް ނޫން އެހެން ރަށަކަށް ބަދަލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން ހަތަރު މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވަމުން ގެންދެވި ރަށް ނޫން އެހެން ރަށަކަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީ އިން ބުނީ ހަތަރު މެޖިސްޓްރޭޓުން އެހެން ރަށަކަށް ބަދަލުކުރަން ނިންމީ ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ، އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

އެހެން ރަށަކަށް ބަދަލުކުރެވުނު މެޖިސްޓްރޭޓުން

  • ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ޝީރީން ނާހިދާ ލަތީފް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށް.
  • ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި އަހްމަދު ޔަސައު، ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށް.
  • ހދ. ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި އަހްމަދު އަރީޖް، ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމަށް.
  • ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ނަޒީރު މުހައްމަދު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމަށް.

ޖޭއެސްސީ އިތުރަށް ބުނީ މި ހިނގާ ޖުލައި އެއްވަނަ ދުވަހުން ފެށިގެން މި ހަތަރު ބޭފުޅުންވެސް މަސައްކަތް ކުރައްވާނީ އެ ބޭފުޅުން މިހާރު ބަދަލުކޮށްފައިވާ ރަށުގައި ކަމަށެވެ.