ދުނިޔެ

އިތަމާރު ބެންގަވީރުގެ މައްސަލަ ތަހުގީގުކުރަން ތައްޔާރުވަނީ

ޣައްޒާގައި ހަމަނުޖެހުން ހިންގައި މީހުން މެރުމަށް އިޒުރޭލުގެ ނެޝަނަލް ސެކިއުރިޓީ ވަޒީރު އިތަމާރު ބެންގަވީރު ހިތްވަރު ދެއްވި ކަމަށް ތުހުމަތުކުރެވޭ ކަމަށް ދައުލަތުގެ ވަކީލު އަމިތު އައިސްމަން ވިދާޅުވެއްޖެ އެވެ.

އަމިތު ވިދާޅުވީ އިތަމާރު ބެންގަވީރުގެ މައްސަލަ ތަހުގީގުކުރުމުގެ ބޭނުމަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފައި އޮތް އަމުރަށް ތަބާވުން ކަމަށެވެ.

އިޒުރޭލާ ދެކޮޅަށް އައިސީސީން ނެރުނު އަމުރުގައި އޮތް ގޮތުން ޣައްޒާގައި ހަމަނުޖެހުން ހިންގާ ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދައި އިޒުރޭލުގެ އިދާރާތަކުން އެ މީހުން ތަހުގީގުކުރަން ޖެހެ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް -- އައިސީސީގެ އެންމެ އިސް ވަކީލު ކަރީމް ޚާން ވަނީ މިދިޔަ މޭމަހު އެދިވަޑައިގެންފަ އެވެ.

ކަރީމް ޚާން ވިދާޅުވި ގޮތުގައި ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ހަރަކާތްތަކުގެ ޒިންމާ އެ ދެ ބޭފުޅުން އުފުލަން ޖެހެ އެވެ.

އިތަމާރު ބެންގަވިރަށް ވަކި ތަހުގީގެއް ކުރަން އިންސާނީ ހައްގުތަކާ ބެހޭ އިދާރާތަކުންވެސް އޮތީ ގޮވާލާފަ އެވެ. އޭނާގެ ބަސްމަގު ހުންނަނީ ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ކަމަށް އިންސާނީ އެހީދޭ އެޖެންސީތަކުން ބުނެ އެވެ.

އިޒުރޭލުގެ ޖަލުތަކުގައި، ތަހުގީގަކާ ނުލައި ހައްޔަރުކޮށްފައި ތިބި ފަލަސްތީން މީހުންނަށް ކާންދިނުންވެސް އިތަމާރު ބެންގަވީރު ވަނީ މަނާކޮށްފަ އެވެ.

އެ މީހުންނަކީ އިޒުރޭލުގެ ބަޖެޓުން ހަރަދުކުރަން ޖެހޭ ބައެއް ނޫން ކަމަށާއި އެމީހުންނާ މެދު އެންމެ ހެޔޮކޮށް ހިތެން އޮތް ގޮތަކީ ފުއްކިބައަށް ބަޑިޖަހައި މަރާލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުގެ ކާން ރޭޑިއޯ ބުނާ ގޮތުން ބެންގަވީރުގެ މައްސަލަ ތަހުގީގުކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރުގެ ހައިސިއްޔަތުން އަމިތު ވަނީ އެޓާނީ ޖެނަރަލުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އިތަމާރު ބެންގަވީރަކީ ފިތުނަ ފަސާދަ އުފެއްދުމަށް އަރާ ހުންނެވި ވަޒީރެކެވެ. ބެންޖަމިން ނަތަންޔޫގެ ކެބިނެޓްގައި ހުންނެވި އެންމެ ނުލަފާ އަދި ގޮތެއް ނެތް ވަޒިރަކީވެސް ބެންގަވީރެވެ.

ބެންގަވީރުގެ އެދިވަޑައިގަތުމަށް އިޒުރޭލުގެ އަސްކަރިއްޔާއިން ވަނީ އާންމުންގެ އަތަށް ބަޑިވެސް ދީފަ އެވެ. އެއީ ފަލަސްތީން މީހަކު މަގުމަތިން ފެނިއްޖެ ނަމަ ބަޑިޖަހައި މަރާލުމަށެވެ.