ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ދީފައިވާ ގިނަ ރަށްތަކުގައި މަގު ބައްތިތަކަށް ކަރަންޓު ދީފައިވަނީ ރައްކާތެރި ގޮތަކަށް ނޫން ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ އިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ހިދުމަތް ދީފައިވާ ރަށްތަކުގެ މަގު ބައްތިތަކުގެ ސަލާމަތީ ކަންތައްތައް ހުރި ގޮތް ބެލުމުގެ ގޮތުން ހުރިހާ ރަށެއްގައި ހުރި މަގު ބައްތިތައް އިންސްޕެކްޓް ކުރުމަށްފަހު ނެރުނު އިއުލާނެއްގަ އެވެ.
"މި އިންސްޕެކްޝަނުން ގިނަ ރަށްތަކުގައި ހަރުކުރެވިފައި ހުރި މަގުބައްތިތަކަށް ކަރަންޓް ދެވިފައި ހުރީ އީއެލްސީބީ މެދުވެރި ނުކޮށްކަން ވަނީ ފާހަގަކުރެވިފަ،" ފެނަކައިން ބުނެފައިވެ އެވެ.
މި ގޮތަށް ކަރަންޓު ދޫކޮށްފައި ހުރުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން ފެނަކައިން ވަނީ ފާހަގަކޮށްފަ އެވެ.
ފެނަކަ އިން ބުނީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ މަގުބައްތިތަކަށް މީގެ ފަހުން ކަރަންޓު ދޫކުރާނީ އެ ކުންފުނިން ދޭ ނަމޫނާ ކުރެހުމާއި އެއްގޮތަށް ސަލާމަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާފައި ހުންނަ ސަބް ޑީބީ ހަރުކޮށްފައިވާ ނަމަ ކަމަށް ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ ކައުންސިލްތަކަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ.
ސަބް ޑީބީ ހަރުނުކުރެވި ހުރި މަގު ބައްތިތައް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ކުރިން ސަބް ޑީބީ ހަރުކޮށް ނިންމުމަށް ކުރިން އަންގާފައިވީ ނަމަވެސް ގިނަ ކައުންސިލްތަކުގެ އެދުމުގެ މަތިންނާއި މަސައްކަތުގެ މުހިންމުކަމުން މި މުއްދަތު އިތުރު އެއް މަސް ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.
"މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކުން ތަކެތި ފޯރުކޮށްދިނުމުން ފެނަކައިން ހިލޭ ސަބް ޑިބީތައް އިންސްޓޯލް ކޮށްދޭނެ ކަމަށާއި ނުވަތަ ފެނަކައިން ތަކެތި ފޯރުކޮށް ބިލް ކުރެވޭ ގޮތަށް މި ކުންފުނީގެ ޓެކްނިކަލް މުވައްޒަފުންގެ އެހީތެރިކަމާއެކު ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމުގެ މަސައްކަތް ކޮށްދެވިދާނެ ކަމުގައިވެސް ވަނީ ދަންނަވާފަ،" ފެނަކައިން ބުނެފައިވެ އެވެ.
ފެނަކައިން ބުނީ މިއީ ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީ (ޔޫއާރްއޭ) ގެ މިންގަނޑަށް މަގު ބައްތިތައް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި މި މުއްދަތުގެ ތެރޭގައި މިންގަނޑާއި އެއްގޮތަށް އިސްލާހު ނުކުރެވޭ މަގު ބައްތިތަކުން ކަރަންޓު މިމަހުގެ ނިޔަލަށް ކަނޑާލެވޭނެ ކަމަށެވެ.
މި ކަންތައްތައް ކައުންސިލްތަކުން ރަނގަޅު ކުރަމުންދޭތޯ ފެނަކައިގެ ބްރާންޗްތަކުން ގާތުން ބަލަމުންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ފެނަކައިން މަގު ބައްތިތަކުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔައީ މިދިޔަ މޭ މަހު އުނގޫފާރުގައި ހުރި މަގުބައްތި ހޮޅި ދަނޑިއަކުން މަގުމަތީގައި ފެން ހެދިފައި ހުރި ތަނަކަށް ކަރަންޓް ދަތުރުކޮށް ދެ ކުޑަކުދިންނާއި 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހިފައިވަނިކޮށެވެ.
އުމުރުން 18 އަހަރުގެ އެ ޒުވާނާ ކަރަންޓުގައި ޖެހުނީ އެ ދެ ކުދިން ކަރަންޓުގައި ޖެހުމުން އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ. މި ހާދިސާގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި އެ ޒުވާނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހު އެވެ.
މިހާދިސާގައި ކަރަންޓުގައި ޖެހުނު އަނެއް ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.