ޖޭއެސްސީ

ޖޭއެސްސީއަށް ދަށު ކޯޓުން ފަނޑިޔާރެއް ނެގުމަށް އާ އުސޫލެއް ހަދައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެއް އިންތިހާބު ކުރުމަށް އާ އުސޫލެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވާލައިފި އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބާ ގުޅޭ އުސޫލު މިއަދު ގެޒެޓުކޮށްފައިވާއިރު، ކުރިއެކޭ އެއްގޮތަށް މި އިންތިހާބުވެސް ބާއްވާނީ އިލެކްޓްރޯނިކް ކޮށެވެ.

މި އިންތިހާބުގައި ވާދަކުރެވޭނީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް އެކަންޏެވެ. އިންތިހާބު ކުރާ ފަނޑިޔާރުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް، ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ އެންމެހައި ކަންކަން ވިލަރެސް ކުރާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. މިއަދު ގެޒެޓުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ދަށު ކޯޓަށް ފަނޑިޔާރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް ޑީޖޭއޭއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުވަލައިލާނެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖޭއެސްސީއަށް ދަށު ކޯޓުން ފަނޑިޔާރެއް ނެގުމަށް އާ އުސޫލު ގެޒެޓު ކުރުމާއެކު، 2019 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ދަށު ކޯޓުން ފަނޑިޔާރަކު ޖޭއެސްސީއަށް ހޮވުމުގެ އުސޫލު ބާތިލުވީ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގައި ދަށު ކޯޓުގެ ފަނޑިޔާރުން މިހާރު ތަމްސީލް ކުރައްވަނީ ލ. ފޮނަދޫ މެޖިސްޓްރޭޓް އަލްއުސްތާޒު އަލީ ޝަރީފް އެވެ. އަލީ ޝަރީފު ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެހެންކަމުން އަންނަ ސެޕްޓެމްބަރަށް އަލީ ޝަރީފުގެ ދައުރު ހަމަވާނެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރު ފިޔަވައި އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ އައްޔަން ކުރައްވާ ބޭފުޅަކާއި، ބަންޑާރަނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އެ ބޭފުޅުން އިންތިހާބުކުރާ ވަކީލެކެވެ.