ހިޔާނާތާއި ފަސާދައިގެ އަމަލުތައް ހިންގައިގެން ދައުލަތުން ގެއްލުވާލާފައިވާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ހޯދޭ ގޮތަށް އެސެޓް ރިކަވަރީ ބިލެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާނާތާއި ފަސާދައިގެ ތެރެއިން ދައުލަތުން ގެއްލުވާލާފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދާނެ ވާހަކަ އަބަދު އަބަދު ދައްކަވާ ވެރިޔަކަށް ވުމުގެ ބަދަލުގައި އެކަން އަމަލީ ގޮތުން ކުރައްވާ ބޭފުޅަކަށް ވުމަށް އެމަނިކުފާނު ބޭނުންވާ ކަމަށެވެ. އެހެންވެ އެކަން ކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް އެކުލަވާލާނެ ކަމަށާއި މިހާރު ހުރި ގާނޫނުތަކުން އެސެޓް ރިކަވާކުރުމަށް ދަތިތަކެއް ހުރި ކަމަށްވެސް ވިދާޅުވި އެވެ.
"އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އިރާދަކުރެއްވިއްޔާ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށިފައި މިވަނީ. އެސެޓް ރިކަވަރީގެ ގާނޫނެއް ފާސްކުރަން މަޖިލީހަށް ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދަށް ގެންނާނީ ދައުލަތުގެ ފައިސާއާއި މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފައިދާ ހޯދާ މީހުންގެ އަތުން އެ ތަކެތި ދައުލަތަށް ހޯދޭނެ ފަސޭހަ ގޮތަކަށް ކަމަށެވެ. ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާ ހޯދައި، ބޭރު ގައުމެއްގައި އެފަދަ ފައިސާ ރައްކާކޮށްފައި ހުއްޓަސް ހޯދޭ ގޮތަށް ގާނޫނު ފަރުމާކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ހިޔާނާތް -- އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުންވެސް ރައީސް މިރޭ ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ގެއްލުވާލި ފައިސާ ވެސް ހޯދައި އެކަމުގައި އުޅުނު މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
"އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ އެއީ ކޮންމެ މީހެއްކަމުގައި ވިޔަސް އެމީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ އެ ފައިސާ ރައްޔިތުންނަށްޓަކައި ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" ރައީސް ވިދާޅުވި އެވެ.