ރައްޔިތުންގެ މަޖިލިސް

އިސްލާމީ ފަތުވާދޭ މަޖިލިސް އުފެއްދުމުގެ ބިލު ބަލައިގަނެފި

"އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް" އުފެއްދުމުގެ ބިލު ރައްޔިތުން މަޖިލީހުން ބަލައިގަނެފި އެވެ.

ސަރުކާރު ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލު ބަލައި ގަތުމަށް 26 މެމްބަރުންގެ ވޯޓު ބޭނުންވާއިރު މަޖިލީހުން މި ބިލު ބަލައިގަތީ ހާޒިރުވީ މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓާ އެކީގަ އެވެ. ނަމަވެސް ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ އެއް މެމްބަރަކު އިންނެވި އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް އުފެއްދުމަށް ސަރުކާރުން ނިންމެވީ ދީނީ އެއްބައިވަންތަކަން ދިވެހިންގެ މެދުގައި ގާއިމް ކުރުމުގައި ދިމާވައި ގޮންޖެހުންތަކާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ގައުމީ ފެންވަރެއްގައި ހައްލު ކުރުމަށެވެ. އަދި އިސްލާމީ ފިގުހީ އާ މައްސަލަތައް ދިރާސާކޮށް އެކަމާއި ގުޅޭ ދީނީ ލަފާ އެކަށީގެންވާ ހަލުވިކަމާއި ހަރުދަނާކަމާއި އެކީ ފޯރުކޮށްދިނުމެވެ.

މި ބިލަށް ބަހުސްގެ މަރުހަލާއަށް ތިން ގަޑިއިރުގެ ވަގުތެއް ދިން އިރު ހުރިހާ މެމްބަރުން ވެސް ވަނީ ވަގުތު ހަމަ ވަންދެން ބަހުސް ކުރައްވާފަ އެވެ. ޕީޕީއެމް މެމްބަރުންގެ މި ބިލަށް މަރުހާބާކީ އިރު އެމްޑީޕީގެ ތާއީދެއް މި ބިލަކަށް ނުލިބުނެވެ ނަމަވެސް އަދާލަތުން ވަނީ ބިލު ބަލައިގަތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ވަރަށް މުސްތަގިއްލު ތަނަކަށް ވާން ޖެހޭނެ ކަމަށާއި އަދި ކޮމިޓީ މަރުހަލާގައި ރަނގަޅުކޮށްލަން ޖެހޭ ގިނަ ކަންކަން ބިލުގައި އެބަހުރި ކަމަށެވެ.

"މިހާރު މި އޮތީ ރައިސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ އެއް ބޭފުޅަކު ހަމަޖައްސަން ޖެހޭ. އަދި އިސްލާމިކް ޔުނިވާސިޓީގެ އިތުރުން އެމްއެންޔޫގެ މެމްބަރެއްވެސް ހުންނަން ޖެހޭ ކަން އަޅުގަނޑު ފާހަގަކޮށްލަން،" އަނާރާ ވިދާޅުވި އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި ފަސް މެމްބަރުންގެ މައްޗައް އެކުލެވިގެންވާ އޮފީހެއް ރައިސުލް ޖުމްހޫރިއްޔާ އޮފީހުގައި ހުންނަން ވާނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ. އެ ފަސް މެމްބަރުންގެ ތެރެއިން އިސްލާމިކް އެފެޔާޒް މިނިސްޓްރީން ކަނޑައަޅައި މެމްބަރަކާއި އުއްތަމަ ފަނޑިޔާރު އަދި އިސްލާމިކް ޔުނިވާސިޓީގެ ލަފާގެ މަތިން އައްޔަން ކުރާ މެމްބަރެއްގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެމްބަރުން ހިމެން ޖެހެ އެވެ.

އެމްޑީޕީ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިފަދަ މަޖިލީހެއްގެ މައިގަނޑު ބޭނުމަކަށް ވާނީ ދީނުގައި އޮންނަ ގޮތް އޮޅުން ފިލުވާދިނުން ކަމަށާއި އެހެން ކަމުން ބިލުގެ ނުވަ ވަނަ މާއްދާގައި އެކި ދިމާދިމާލުން މީހުން އެއް ކުރަން ބުނެފައި އޮންނަން ނުޖެހޭ ކަމަށެވެ.

"މިއުޅެނީ ސިޔާސީ މަޖިލީހެއް އުފައްދާކަށް ނޫން. އިސްލާމީ ކަންތައްކަށް އެހީވެދޭ މަޖިލީހެއް. އެހެންވީމަ ރައީސް ކަނޑައަޅުއްވާ ނަމެއް ވިޔަސް ޖެހޭނީ ދީނީ ތަޖުރިބާ ހުންނަ މީހެއްގެ މި މަގާމްތަކަށް ކުރިމަތިލަން،" ރޮޒެއިނާ ވިދާޅުވި އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ޒިންމާތަކުގެ ތެރެއިން ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މުޖުތަމައުއަށް ބޭނުންވާ ދީނީ ފަތުވާ ދިނުމާއި އިސްލާމީ އުންމަތަށް ދިމާވާ ފިގުހީ އާމައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ މައްސަލަތަކުގެ ތެރެއިން ރައްޔިތުންނަށް ދޭން މުހިންމު ކަން ކަމުގައި ފަތުވާ ދިނުމެވެ. މީގެ އިތުރުން އެކި ދައުލަތުގެ މުއައްސަސާތަކުން މިމަޖިލީހުގެ ލަފަޔަކަށް އެދިއްޖެ ނަމަ އެކަން ކޮށްދިނުމާއި ރައްޔިތުން މެދުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލުން ވެސް ހިމެނެ އެވެ.