އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި އިންވެސްޓްމަންޓާ ބެހޭ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގެންފި އެވެ.
ޔޫއެސްގެ ޗެމްބާ އޮފް ކޮމާސް އިން އިންތިޒާމުކޮށްފައިވާ މި ބައްދަލުވުމުގައި އެމެރިކާގެ ކޯޕަރޭޓް ސެކްޓަރުގެ ބައެއް ވިޔަފާރިވެރިންނާ އެކު ސައީދު ވަނީ ރާއްޖޭގެ އިންވެސްޓްމަންޓުގެ ފުރުސަތުތަކާއި ބެހޭ ބައެއް މަޝްވަރާތައް ކޮށްފަ އެވެ.
މި ދަތުރުގެ ސަބަބުން ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ވިޔަފާރިއާއި އިންވެސްމަންޓުގެ ގޮތުން އިތުރު ދޮރުތަކެއް ހުޅުވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ ވިޔަފާރީގެ މަޝްވަރާތަކަށް އިނގިރޭސިވިލާތާއި ޗައިނާއަށްވެސް ވަޑައިގެންފަ އެވެ.
ސައީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި ފައިނޭންޝަލް އެސޯސިއޭޝަންތަކާއި އިންވެސްޓްމަންޓް އެސޯސިއޭޝަންތަކާއި މާލީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރެއްވި އެވެ.