ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް

ޑިވެލޮޕްމަންޓް ބޭންކުން ފަސް ދާއިރާއަކަށް ސަމާލުކަންދެނީ

ޑިވެލޮޕްމަންޓް ބޭންކުން މަސައްކަތްކުރާނީ ފަސް ދާއިރައަކަށް ސަމާލުކަންދީގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކުން އިގްތިސާދީ ތަރައްގީގެ ޕްލޭންގައި ހިމެނޭ އެކި ސިނާއަތްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ޑިވެލޮޕްމަންޓް ބޭންކުން ސަމާލުކަންދޭނެ ފަސް ދާއިރާ

  • ހަކަތައާއި ކާބޯތަކެތީގެ ޔަގީންކަން އަދި އަގުތައް ހިފެހެއްޓުން
  • ވަޒަންވެރިކަމާއި ބޯހިޔާވަހިކަން
  • ތިމާވެށި ހިމާޔަތްކުރުން
  • ޓޫރިޒަމް އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް
  • ކަނޑުގެ މަންފާއާއި ކަނޑާއި ގުޅިފައިވާ އިގްތިސާދީ ހަރަކާތްތައް

އިކޮނޮމިކް މިނިސްޓްރީން ބުނީ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ރާއްޖޭގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓްތައް އިތުރުކޮށް، ޖުމްލަ ގޮތެއްގައި ރާއްޖޭގެ މާލީ ނިޒާމު މެދުވެރިކޮށް ލިބެންހުރި ޑޮލަރުގެ އަދަދު އިތުރުކުރެވޭނެ ކަމަށެވެ. އަދި އިގްތިސާދު އިތުރަށް ފުޅާކުރެވި، ޑިވެލޮޕްމަންޓް ބޭންކުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވުމުން ދައުލަތުގެ ރިޒާވްއަށް ވެސް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކޮމާޝަލް ބޭންކިންގެ ފައިސާ ޖުމްލަ ގޮތެއްގައި ކުރު އަދި މެދު ރާސްތާގެ ދަރަންޏަށް އަމާޒުވުމުގެ ސަބަބުން އިގްތިސާދު ފުޅާކުރުމުގެ ޖާގައެއް ނުލިބޭ ކަމަށެވެ. ނަމަވެސް ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ހަމައެކަނި ދަރަނީގެ ގޮތުގައި ދޫކުރުމުގެ ބަދަލުގައި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އާ ގޮތްތަކެއް ތައާރަފްކުރާނެ ކަމަށެވެ.

"އޭގެ ތެރޭގައި އިކުއިޓީ ފައިނޭންސް، ފަންޑުތައް، ސިންޑިކޭޝަން، ރިސްކް އިންޝުއަރެންސް ހިމެނޭ،" މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް ހިންގުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމްއެލް)އަށް ލައިސެންސް ދޫކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެންވެ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށްޓަކައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ކުންފުނީގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ޑީބީއެމްއެލް އުފެއްދެވީ މިއަހަރުގެ މެއި 16 ވަނަ ދުވަހު އެވެ.