ދުނިޔެ

ހައްޔަރުކޮށްފާނެ ކަމަށް ބިރަށް ނަތަންޔާހޫ އެމެރިކާއަށް ކުރައްވާ ދަތުރުގައި ޔޫރަޕްގައި މަޑުނުކުރައްވާނެ

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިމަހު 24 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރައްވާނެ އެވެ. މިކަމަށްޓަކައި މި ތާރީހާށް ވުރެ ކުރިން އޭނާ އެމެރިކާއަށް ވަޑައިގަންނަވާނެ އެވެ. އޭނާގެ މިދަތުރުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާވެސް ބައްދަލުކުރައްވާނެ އެވެ.

ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރައްވާ ދިގު ދަތުރުގައި ޔޫރަޕްގެ ގައުމެއްގައި -- ޗެކް ރިޕަބްލިކްގައި ނުވަތަ ހަންގޭރީގައި މަޑުކުރައްވާ ގޮތަށް ބޮޑުވަޒީރުގެ އޮފީހުން ކުރިން ރޭވި އެވެ.

ނަމަވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ޕްރޮސެކިއުޓަރު ކަރީމް ޚާން 20 މެއި، 2024 ގައި ނަތަންޔާހޫ ހައްޔަރުކުރަން އަމުރަކަށް އެދިވަޑައިގެންފައި އޮތުމުން، ޔޫރަޕްގެ އެއްވެސް ގައުމެއްގައި މަޑުނުކުރާ ގޮތަށް ފަހުން ނިންމީ އެވެ.

ކަރީމް ޚާން އެދިވަޑައިގެންފައިވަނީ ނަތަންޔާހޫގެ އިތުރުން އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓާއި ހަމާސްގެ ވެރިންވެސް ހައްޔަކުރުމުގެ އަމުރަކަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި އެންމެންނަކީ ވެސް ހަނގުރާމައިގެ ކުށްވެރިންނެވެ.

ބެންޖަމިން ނަތަންޔާހުގެ މައްޗަށް މިފަދަ އަމުރެއް އޮއްވައި، އައިސީސީގެ މެމްބަރު ގައުމަކުން އޭނާ ހައްޔަރުކުރުމަކީ އެކަށިގެންވާ ކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ބައިނަލްއަގްވާމީ އިދާރާއެއްގެ -- ޔޫއެން ފަދަ ޖަމާއަތެއްގެ ރަސްމީ ހައިސިއްޔަތެއް އޮތް ކޯޓެއް ނޫނެވެ. އިޒުރޭލާއި އެމެެރިކާއަކީ އެ ކޯޓުގެ މެންބަރުންނެއްވެސް ނޫނެވެ.

މިހެން ކަން އޮތުމުން އައިސީސީން ނެރޭ އަމުރުތައް ތަންފީޒުކުރުމުގައި ބައިނަލްއަގްވާމީ އިދާރާތައް ޝާމިލުވުން ލާޒިމެއް ނޫނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލު ސިފައިން ކެނޑިނޭޅި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 38،200 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. ހަބަރުތައް ބުނާ ގޮތުން މިއަށް ވުރެ ގިނަ މީހުން -- އެެއްލައްކައާ ގާތަށް މީހުން މިހާރު ވާނީ މަރުވެފަ އެވެ.

ޣައްޒާގެ ހާލަތު މި ގޮތުގައި އޮތް ނަމަވެސް އިޒުރޭލުގެ ހަމަލާތައް ހުއްޓާލުމުގެ ނިޝާނެއް އަދިވެސް ނުފެނެ އެވެ.

އިޒުރޭލު ދިފާއުކުރުމަށް ކަމަށް ބުނެ އެމެރިކާއިން ދެމުން ގެންދާ އަސްކަރީ އެހީތައް -- ބާރުގަދަ ބޮންތަކާއި މިސައިލްތައް އަދިވެސް ކުރަނީ އިތުރެވެ.