މޯލްޑިވްސް ޕޮލިސް ސާވިސް

ޝަމްނާޒް ދޫކޮށްލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަމްނާޒް އާއި އޭނާގެ ކޮއްކޮ މިއަދު ދޫކޮށްލީ ފުލުހުންގެ ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ކަމަށެވެ.

"މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއި އޭނާގެ ކޮށްކޮ ހައްޔަރުކޮށްފައިވަނީ މި ދިޔަ ޖޫން 23 ވަނަ ދުވަހު އެވެ.

ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެބޭފުޅުންނެވެ. ނަމަވެސް ރަމީޒުއާއި ޝަމްނާޒުއާ ދެބޭފުޅުންވެސް މިވަގުތު ތިއްބެވީ މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ.