އައިޓީބީ ފެއާ

މާސްޓާ ޕްލޭންގެ އަމާޒަކީ މުޅިރާއްޖެއަށް ޓޫރިޒަމް ފަތުރާލުން: މިނިސްޓަރު

Mar 8, 2016
  • ޓޫރިޒަމް ފުޅާކުރާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  • މި އަހަރު ގިނަ މަަޝްރޫއުތަކެއް ފަށާނެ
  • ރާއްޖެއަށް ޖަރުމަނަކީ މުހިންމު މާކެޓެއް

ޓޫރިޒަމް މާސްޓާ ޕްލޭންގެ އަމާޒަކީ ރާއްޖޭގެ އުތުރާއި ދެކުނަށް ޓޫރިޒަމް ފަތުރައިލުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި މާދަމާ ފަށާ "އައިޓީބީ ފެއާ 2016" ގެ ކުރިން އޮފިޝަލް ސްޕޮންސާގެ ހައިސިއްޔަތުން ދާދިދެންމެއަކު ބޭއްވި ނިއުސް ކޮންފަރެންސުގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނަށް ޓޫރިޒަމް ފަތުރާލުމަކީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

"ޓޫރިޒަމް ތަރައްގީގެ އެކި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައި. މީގެ ތެރޭގައި މެރީނާ ހެދުން ހިމެނޭ. މެރީނާގެ ސަބަބުން ރާއްޖެއަށް އަންނަ ކްރޫޒްލައިންތައް އިތުރުވަމުންދާނެ،" ހުޅުމާލޭގައި ހަދާ ކްރޫޒްލައިން ޓާމިނަލްއާ ބެހޭ ގޮތުން، ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ތިމާވެއްޓާއި ރަހުމްތެރި ގޮތަކަށް ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭނެ ކަމަށެވެ. އެކަމަށް އަމާޒުކޮށް "ގްރީން ރިސޯޓު" އެވޯޑު ދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ގިނަ ނޫސްވެރިންނާއެކު ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ޖަރުމަނުވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މާކެޓެއް ކަމަށެވެ.

"ރާއްޖެއަށް ޖަރުމަނަކީ އެންމެ މުހިންމު އެއް މާކެޓު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖަރުމަނުން މިދިޔަ އަހަރު 105،134 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ވެސް އެ ގައުމުންކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ބާލިންގައި 9-13 އަށް ކުރިއަށްދާ މި އަހަރު އައިޓީބީ ފެއާގައި ރާއްޖެއަކީ މެއިން ސްޕޮންސާ އެވެ. އެގޮތުން މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ގިނަ ހަރަކާތްތަކެއް ހިންގާނެ އެވެ.