ވިޔަފާރި

ޓޫރިސްޓުންނަށް އަބަދުވެސް ރާއްޖެ އަމާންވާނެ: ޒަމީރު

Mar 8, 2016
  • ރާއްޖެއިން ޓޫރިސްޓުންނަށް ނުރައްކަލެއް ނެތް
  • ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވޭ
  • މި އަހަރުގެ ފެއާގައި ރާއްޖޭގެ 96 ކުންފުނި

ރާއްޖެއަކީ ޓޫރިސްޓުންނަށް އަބަދުވެސް އަމާން ތަނެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންގައި މާދަމާ ފަށާ، "އައިޓީބީ ފެއާ 2016" ގެ ކުރިން މެއިން ސްޕޮންސާގެ ހައިސިއްޔަތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއަކީ ޓޫރިސްޓުންނަށް އަބަދު ވެސް އަމާންތަނެއް ކަމަށާއި، ވެރިރަށް މާލެ އާއި ރިސޯޓުތަކުން ވެސް ފެންނާނީ އެ މަންޒަރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ތަރަައްގީ ވެފައިވަނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ކަމަށާ އެހެންކަމުން އެ ރަށުގައި ހިނގާކަމެއްގެ އަސަރު ރިސޯޓުގައި ތިބޭ ޓޫރިސްޓުންނަށް ނުކުރާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ.

ނިއުސް ކޮންފަރެންސުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ 1972 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ތަރައްގީ ވެގެން އައިއިރު ފުރަތަމަ ހުޅުވުނީ ދެ ރިސޯޓު ކަމަށާއި،ނަމަވެސް މިހާރު ވަރަށް ބޮޑުތަން ތަރައްގީވެފައިވާ ކަމަށެވެ.

"ދެ ރިސޯޓާއެކު ރާއްޖޭގެ ޓޫރިޒަމް ފެށުނީ 280 އެނދުން. އެކަމަކު މިހާރު އެނދުގެ ކެޕޭސިޓީ ވަނީ 33،000 އަށް އިތުރުވެފަ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އައިޓީީބީ ފެއާގައި ރާއްޖޭން އެންމެ ފުރަތަމަ 1984 ވަނަ އަހަރު ބައިވެރިއިރު ރާއްޖޭގެ ސްޓޯލް ވަރަށް ކުޑަކަމަށެވެ.

މާދަމާ އިން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ޖަރުނަމުގެ ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއާގައި ރާއްޖޭން 96 ކުންފުންޏަކުން 281 އޮފިޝަލުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި ރާއްޖޭގެ ސަގާފީ ގިނަ އައިޓަމްތަކެއް ދައްކާލާނެ އެވެ. އެގޮތުން ކުރުފަލި ޖެހުމާއި މާފަތި، ފަތިގަނޑު ޖެހުން އަދި ދަފި ނެގުމާއި ބަނޑިޔާ ޖެހުމުގެ އިތުރުން ބޮޑުބެރުގެ ހުރިހާ ވައްތަރެއްގެ ލަވަ ފެއާގައި ހުށަހަޅައިދޭނެ އެވެ.