ހައިކޯޓް

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާ މައްސަލަ ފެންމަތީ، ހައިކޯޓުގައި މިއަދު އޮތް ޝަރީއަތެއްގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެނައުމުންނެވެ.

މިއީ އަމިއްލަ ވިޔަފާރި ކުންފުންޏަކުން، ޓެކްސްއާ ގުޅޭ ކަމެއްގައި ދައުލަތާ ދެކޮޅަށް ދައުވާ ކުރާ މައްސަލައެކެވެ.

މި މައްސަލައިގައި މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމުގައި، މީރާގެ ވަކީލުން ވަނީ ދައުލަތަށް ދައުވާ ލިބޭ މައްސަލައެއްގައި ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ޝަރީއަތުން އެކަމާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރާ ސުވާލު ކުރުމުން އެ މައްސަލައިގައި މަސްލަހަތު ފުށޫ އަރާ ފަދަ ކަމެއް ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި އެވެ. އަދި މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ދިމާވެއްޖެނަމަ މައްސަލައިން ތަނާޒުލްވާނެ ކަމަށް ވިދާޅުވި އެވެ.

މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ނެތް ކަމަށް ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި ނަމަވެސް ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ދެއްކުމާ ގުޅޭ މައި އިދާރާއާ ދެކޮޅަށް، ވިޔަފާރިތައް ރަޖިސްޓްރީކޮށް ވިޔަފާރިތައް ރެގިއުލޭޓް ކުރާ ދައުލަތުގެ ރަސްމީ ވުޒާރާ ކަމަށްވާ އިކޮނޮމިކް ޑިވެލްޕޮމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވަކާލާތު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.