ހައިކޯޓް

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލަ ބަލަނީ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލަ ބަލަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކުންފުނި ތަމްސީލުކުރާ ގާނޫނީ ވަކީލެއްގެ ގޮތުގައި ބައިވެރިވީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ސިޔާސި މީހުން ހިމެނޭހެން ދައުލަތުގެ މަގާމެއްގައި ހުންނަ މީހަކު ދައުލަތާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމުގައި، މީރާގެ ވަކީލުން ވަނީ ދައުލަތަށް ދައުވާ ލިބޭ މައްސަލައެއްގައި ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ޝަރީއަތުން އެކަމާ ގުޅޭ ގޮތުން ޑެޕިއުޓީ މިނިސްޓަރާ ސުވާލު ކުރުމުން އެ މައްސަލައިގައި މަސްލަހަތު ފުށޫ އަރާ ފަދަ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ދިމާވެއްޖެނަމަ މައްސަލައިން ތަނާޒުލްވާނެ ކަމަށްވެސް ވިދާޅުވި އެވެ.