ހަބަރު

ރާއްޖޭގައި އިންކަމް ޓެކްސް ނެގުމަށް އައިއެމްއެފްގެ ތާއީދު

ރާއްޖޭގެ އިގުތިސޯދު ހަރުދަނާކުރުމަށްޓަކައި، އާމްދަނީ އިތުރުކުރުމުގެ ގޮތުން އާ ސަރުކާރުން ޓެކްސްގެ ނިޒާމަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ތައާރަފުކުރުމުގެ ޕްލޭނަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތާއީދުކޮށްފި އެވެ.

އައިއެމްއެފްގެ އާޓިކަލް ހަތަރެއްގެ ދަށުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ހޯދި ހޯދުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެވަފުދުގެ ވެރިޔާ ފިލިޕޭ ކަރަމް ވިދާޅުވީ ޓެކްސް ނެގުމުގެ ނިޒާމް ޕްރޮގްރެސިވް ނިޒާމަކަށް ބަދަލުކޮށް ޕާސަނަލް އިންކަމް ޓެކްސް ނެގުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

ކަރަމް ވިދާޅުވި ގޮތުގައި، ޕާސަނަލް އިންކަމް ޓެކްސް ނަގަން ފަށައިފިނަމަ، އެކި ފަންތީގައި އާމްދަނީ ލިބޭ މީހުން މާ ރަނގަޅަށް ދެނެގަނެވޭނެ ކަމަށާއި، އެކަމާއެކު އާމްދަނީގެ ފަރަގު ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބޭނެކަމަށެވެ.

"ނަމަވެސް މިހާރުވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ފަދަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނެގޭ އެކި ޓެކްސްތަކާއި އެކު މުޅި ޓެކްސްގެ ނިޒާމަށް ބަދަލު ގެންނަންޖެހޭނީ، މުޅި ޓެކްސް ނިޒާމުގެ ވަކި ބައެއް ނޫނީ އެއް ބައި އިސްލާހުކޮށްގެން ހެޔޮ ނަތީޖާއެއް ނުނިކުންނާނެ،" ކަރަމް ތަފްސީލުކޮށްދެއްވި އެވެ.

ދައުލަތުގެ ދަރަނިތައް އަނބުރާ ދެއްކުމުގެ އިތުރުން، މުސްތަގުބަލުގައި ކުރަންޖެހޭ ހަރަދުތަކަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން، ކަރަމް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ޕާސަނަލް އިންކަމް ޓެކްސް ފަދަ "ޕްރޮގްރެސިވް" ޓެކްސެއް ނެގުން ރަނގަޅު ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ފިސްކަލް އެޖަސްޓްމަންޓް ގެންނަންޖެހޭ ވާހަކަ، ލިބޭ އާމްދަނީ އާއި ހަރަދުތައް ބެލެންސު ކުރުން، ބޭރުގެ މާކެޓުތަކާއި އިގުތިސޯދުތަކަށް ބަރޯސާނުވެ، އާމްދަނީ ލިބޭނެ ރަނގަޅު ބިންގަލެއް ގާއިމުކުރުން، ދައުލަތުގެ ރިޒާވް ކުޑަވަނީ ކުރަންޖެހޭ ހަރަދުތަކާއި އެއްވަރަށް އާމްދަނީ އިތުރުނުވާތީ،" ކަރަމް ވިދާޅުވި އެވެ.

އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި "ފަރުދުންގެ އާމްދަނީ ޓެކްސް" ނަގަން ވަނީ ހިމަނާފަ އެވެ. އެގޮތުން މަހަކަށް 60،000 އާއި 100،000 ރުފިޔާއާ ދެމެދު އާމްދަނީ ލިބޭ މީހުންގެ އަތުން 3.5 ޕަސަންޓުގެ ރޭޓުގައި ޓެކްސް ނަގާނެ ކަމަށާއި 100،000 އައި 150،000 ދެމެދު އާމްދަނީ އެއް ލިބޭ މީހުންގެ އަތުން 6.5 ޕަސަންޓުގެ ރޭޓުގައި އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ވެސް އެ ބިލްގެ ޑްރާފްޓްގައިވެ އެވެ.

ނަމަވެސް، ޓެކްސް ނިޒާމު އިސްލާހުކުރުމުގައި ކުރިމަތިވެދާނެ ތަފާތު ގޮންޖެހުންތަކަށް ރިއާއަތްކުރަންޖެހޭ ކަމަށް އައިއެމްއެފްގެ ވަފުދުން ވިދާޅުވި އެވެ. އަދި އެންމެ ފުރިހަމަގޮތުގައި އިންކަމް ޓެކްސް ތައާރަފްކުރެވޭނީ، އެ ނިޒާމް ވަރަށް ރަނގަޅަށް ޑިޒައިން ކުރެވިގެން ކަމަށެވެ.

"އިންކަމް ޓެކްސް ތައާރަފް ކުރާއިރު، ޓެކްސް ނަގާ ބްރެކެޓްތައް ކަނޑައެޅުން ވަރަށް މުހިންމު، އެންމެ ގިނަ އާމްދަނީ ލިބޭ މީހުން ދެނެގަނެ، ޓެކްސް ދެއްކުމުގެ މަރުހަލާވެސް ރަނގަޅަށް ފުރިހަމަވާންޖެހޭ،" ކަރަމް އިތުރަށް ވިދާޅުވި އެވެ.

އެގޮތުން، ފިނޭންސް މިނިސްޓްރީ އެކަމަށް ހާއްސަ ޓެކްސް ޕޮލިސީ ޔުނިޓެއް ގާއިމުކޮށްގެން، ޓެކްސްގެ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް ވަނީ އައިއެމްއެފްގެ ވަފުދުން މަރުހަބާ ކިޔައިފަ އެވެ.