އައިއެމްއެފް

އެމްއެމްއޭގެ ދައުރު މިނިވަން ކުރަންޖެހޭ: އައިއެމްއެފް

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ދުރު ރާސްތާގެ ޕްލޭނަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން މިއަދު ތައުރީފުކޮށްފި އެވެ.

އައިއެމްއެފްގެ އާޓިކަލް ހަތަރެއްގެ ދަށުން ރާއްޖެއަށް ކުރި ޒިޔާރަތުގައި ހޯދި ހޯދުންތަކާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އެމްއެމްއޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ ވަފުދުގެ ވެރިޔާ ފިލިޕޭ ކަރަމް ވިދާޅުވީ 2018 އިން 2022 އަށް އެމްއެމްއޭ އިން އެކުލަވާލާފައިވާ ސްރެޓީޖިކް އެކްޝަން ޕްލޭން ވަރަށް ފުރިހަމަ ކަމަށެވެ.

އެމްއެމްއޭގެ ޕްލޭނުގައި، ރާއްޖޭގެ މުސްތަގުބަލުގެ މަނިޓަރީ ޕޮލިސީ އޮނިގަނޑާއި، އަގު ތަކާއި މާލީ ނިޒާމްގެ ހަމަޖެހުން ކަށަވަރު ކުރުމަށް ރާވާފައިވާ ކަންކަން ވަރަށް ތަފްސީލުކޮށް ހިމަނައި، ބަޔާން ކޮށްފައިވާ ކަމަށް އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓުގެ ޑެޕިޔުޓީ ޑިވިޝަން ޗީފް ކަރަމް ވިދާޅުވި އެވެ.

"އެ ޕްލޭން އެކުލަވާލާފައިވަނީ އެކި ފަހަރު މަތިން އަޅުގަނޑުމެން ހުށަހެޅިކަންތައްތަކުގެ މައްޗަށްކަން ފާހަގަކޮށްލެވޭ، އަދި އެ ޕްލޭން މިހާރު ވެސް އެމްއެމްއޭ އިން އެދަނީ ތަންފީޒު ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެމްއެމްއޭގެ ޕްލޭން ދައުލަތް ހިންގުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކާއި ހިއްސާކުރެވި، އެ ތަސައްވަރުގެ ދަށުން ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ކުރުމުގެ މުހިންމުކަން ކަރަމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ދެކެން ބޭނުން ރާއްޖޭގައި މިނިވަންކަމާއެކު ހިނގާ މަރުކާޒީ ބޭންކެއް އޮންނަ މަންޒަރު، މާލީ އަދި އިގުތިސޯދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެ، ނިޒާމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ގެނެވޭނީ މަރުކަޒީ ބޭންކުގެ ތަސައްވަރާއި ޕްލޭންތައް މިނިވަންކަމާއެކު ތަންފީޒު ކުރެވިގެން،" އޭނާ ތަފްސީލު ކޮށްދެއްވި އެވެ.

މިހާރު ރާއްޖެ ގެންދަން ބޭނުންވާ ރަނގަޅު މިސްރާބުގައި ކުރިއަށް ދެވޭނީ، އެމްއެމްއޭގެ ތަސައްވަރުގެ ތެރެއިން ގެންނަންޖެހޭ އިސްލާހުތަކަށް ގާނޫނީ ބާރު ލިބިގެން ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ. އެގޮތުން، ބޭރުގެ އިންވެސްޓަރުންނަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި، ޔަގީންކަން ދިނުމުގެ އިތުރުން، ޕްރައިވެޓް ސެކްޓާގެ ތެރޭގައި ވާދަވެރިކަން އިތުރުކޮށް އިގުތިސޯދު ފުޅާކުރުން ކޮންމެހެން ވެސް މުހިންމު ކަމުގައި ކަރަމް ފާހަގަ ކުރެއްވި އެވެ.