ހަބަރު

ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު ލަފާކުރެވުނުވަރަށް ވުރެ ދަށްވެދާނެ: އައިއެމްއެފް

މިއަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ކުރިން ލަފާކުރެވުނުވަރަށްވުރެ ދަށްވެދާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ.

އައިއެމްއެފްގެ އާޓިކަލް ހަތަރެއްގެ ދަށުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ހޯދި ހޯދުންތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެވަފްދުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމީ އުފެއްދުންތެރިކަން 2019 އަދި 2020 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވޭ މިންވަރު 2018 ވަނަ އަހަރަށް ވުރެ ކުޑަ މިންވަރަކަށް ދަށްވެދާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިގޮތުން، ގައުމީ އުފެއްދުންތެރިކަން މިއަހަރު 6.5 ޕަސަންޓުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭއިރު، އަންނަ އަހަރު އެ އަދަދު ހަ ޕަސަންޓަށް ދަށްވެދާނެކަމަށް ވަނީ ބުނެފަ އެވެ.

ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހާލަތާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށް އައިއެމްއެފްގެ ވަފުދުން އިތުރަށް ބުނެފައިވެ އެވެ.

އައިއެމްއެފުން ބުނި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއަރުވައި، މެދު ރާސްތާގެ އިގްތިސާދީ ތަސައްވުރު ރަނގަޅު ކުރެވޭނީ އިގްތިސާދުގައި ވާދަވެރިކަން ފުޅާކޮށް، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ބިނާކޮށްގެން ކަމަށެވެ.

ދަރަނީގެ ސަބަބުން އިގުތިސޯދަށް ނުރައްކާ!

އައިއެމްފުން ބުނި ގޮތުގައި، މަތިވަމުންދާ ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި އިތުރުވަމުންދާ ބޭރުގެ އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ ސަބަބުން އިގްތިސާދަށް ނޭދެވޭ ލޮޅުންތަކެއް އައުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން، ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދާއި ޗައިނާގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

"ދުނިޔޭގެ މާލީ ސިޔާސަތުތައް ހަނިކުރުމުގެ ސަބަބުން ލޯނުގެ އަގުތައް މަތިވުން އެކަށީގެންވެ އެވެ. ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދަރަނި އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ،" ފެބްރުއަރީ 20 އިން ފެށިގެން މިއަދުގެ ނިޔަލަށް އެ ވަފުދުން ކުރި ދަތުރަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީދީފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދެމެހެއްޓެނިވި ފިސްކަލް ސިޔާސަތުތައް ބައްޓަންކުރުމުގައި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އައިއެމްފުން ވަނީ ލަފާދީފަ އެވެ.

"އެތެރޭގެ ދަރަނިން ފައިނޭންސްކުރުމަށް ކުރިމަތިވާ ހުރަސްތަކުގެ މައިގަނޑު ސަބަބަކީ ދައުލަތުން އިޝޫކުރެވޭ ސެކިއުރިޓީސްގެ ބޮޑު ބައެއް ކުރުމުއްދަތުގެ ސެކިއުރިޓީސްއަށް ބަރޯސާވެފައިވުމެވެ. ބޭރުގެ ދަރަންޏަށް ބަލާއިރު، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން މިއަންނަ އަހަރު ފެށޭނެ އެވެ."

ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފް!

އެ ބަޔާނުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދައުލަތުގެ ދަރަނީގެ ކަންކަން ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށްވުރެ އިތުރުވުމާއި ދަރަންޏާއި ގުޅޭ މައުލޫމާތު ޝާއިއުކުރަން ފަށާފައިވާތީ އެކަންކަމަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

މީގެ އިތުރުން، ޕަބްލިކް އިންވެސްޓްމަންޓްގެ ކަންކަން ބެލެހެއްޓުމާއި، އަހަރީ ބަޖެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމާއި އަދި މެދު ރާސްތާގެ ފިސްކަލް އަދި ދަރަނި ބެލެހެއްޓުމުގެ ސްޓްރެޓަޖީތަކަށް އަހަރީ ބަޖެޓްތަކުގައި ރިއާޔަތްކޮށް ހިމެނުމުގައި އެދެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަން އެ ވަފުދުން ވަނީ ފާހަގަކޮށްފަ އެވެ.

"ސަރުކާރުގެ ހިދްމަތްތަކުގެ ފެންވަރު ރަނގަޅުވެ އަދި އިންވެސްޓްމަންޓްތަކާއި ދަރަނި ބެލެހެއްޓުމުގެ ކަންކަން އިތުރަށް ރަނގަޅު ކޮށްދޭނެ ކަންކަމެވެ."

އައިއެމްއެފުން އިތުރަށް ބުނި ގޮތުގައި، ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މިއަހަރު ބަޖެޓު މެދުވެރިކޮށް ގައުމީ ތަރައްގީގެ ސްޓްރެޓެޖީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ހަރަދުގެ ކަންކަން ގެންދިއުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.

އައިއެމްއެފްގެ ބައެއް ހުށަހެޅުންތައް!

1
 

ފިސްކަލް ރިޒާވެއް ގާއިމްކުރުން. ސަރުކާރުގެ މާލީ އަދި ދަރަނީގެ ކަންކަން ބެލެހެއްޓުމާއި ގަވާނަންސް ހަރުދަނާކުރުން. ތަރައްގީ ގެނެވޭނެ އާ ކަންތައްތަކުގައި އިންވެސްޓްކުރުން. މަނިޓަރީ ސިޔާސަތު އިތުރަށް ހަނިކުރުން. އިގްތިސާދުގައި ވާދަވެރިކަން ފުޅާކުރުން. އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ބިނާކުރުން.

ސަރުކާރުގެ އިސްލާހީ މަސައްކަތްތަކަށް ބޭނުންތެރި ސިޔާސަތުތައް ކަނޑައެޅުމާއި އިގްތިސާދީ ދިރާސާތައް ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން އައިއެމްފުން ވަނީ ދީފަ އެވެ.

މިގޮތުން، މަނިޓަރީ އަދި ފިސްކަލް ސިޔާސަތުތައް އެކަށައެޅުމާއި، ޓެކްސްގެ ނިޒާމް އިސްލާހުކުރުމުގެ އިތުރުން މާލީ އިދާރާތައް ސުޕަވައިޒްކުރުމާއި އިގްތިސާދީ ތަފާސް ހިސާބުތައް އެކުލަވާލުމުގެ މަސައްކަތް ވެސް އިތުރަށް ކުރިއެރުވުމަށް އައިއެމްއެފްގެ ފަރާތުން އެހީ ލިބިގެންދާނެކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.