ހަބަރު

ފުރަތަމަ ހަ މަހު 560 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭރަށް ފޮނުވި

Sep 24, 2019

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޖުމްލަ 562.8 މިލިއަން ރުފިޔާ ރާއްޖޭން ބޭރު ކުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބު ތަކުން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެފަދަ ހިދުމަތްދޭ ހަތަރު އޭޖެންސީ އެއް މެދުވެރިކޮށް، ރާއްޖޭގައި އުޅޭ ބިދޭސީން ބޭރަށް ފައިސާ ފޮނުވި އަދަދު ތިން ޕަސަންޓް އިތުރުވި ނަމަވެސް، ދިވެހިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ވަނީ ހަމަ އެ އަދަދުން ދަށްވެފަ އެވެ.

އެހެންކަމުން، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ރާއްޖޭން ބޭރުކުރި ފައިސާގެ އަދަދު ދަށްވެފައިވަނީ އެންމެ 0.1 ޕަސަންޓެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދާއްކާ ގޮތުގައި، ރާއްޖޭން އެންމެ ގިނަ ފައިސާ ބޭރުކޮށްފައިވަނީ ބަންގްލަދޭޝް އަށެވެ. ޖުމްލަ އަދަދުގެ 40 ޕަސަންޓް އެ ގައުމަށް ބޭރުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު އަށް ޕަސަންޓުގެ ވެއްޓުމެކެވެ.

އޭގެ އިތުރުން ރާއްޖެއަށް އެތެރެކުރި ފައިސާގެ އަދަދު އެ މުއްދަތުގެ ތެރޭގައި ވަނީ 12 ޕަސަންޓް އިތުރުވެފަ އެވެ. އެގޮތުން، މިއަހަރުގެ ޖޫން މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނައިން ފައިސާ އެތެރެކޮށްފައިވަނީ 19 ޕަސަންޓާއެކު ޗައިނާ އިންނެވެ.