ހަބަރު

އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ ދީފި

Aug 31, 2020

ދައުލަތުގެ ބަޖެޓުގައި ބޮންޑު ވިއްކައިގެން އާމްދަނީ ހޯދަން ހިމަނާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކުމަށް ރައްޔިތުންގެ މަޖިލީހުން މަރުކަޒީ ބޭންކަށް މިއަދު ހުއްދަ ދީފި އެވެ.

ދައުލަތުގެ ބަޖެޓުގައި 2018 އިން 2022 އަށް ބޭރުގެ ފަރާތްތަކަށް ބޮންޑު ވިއްކައިގެން ފައިނޭންސް ކުރާނެ ކަމަށް 4.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ރާއްޖޭގެ ފަރާތްތަކަށް ބޮންޑް ވިއްކައިގެން 930 މިލިއަން ރުފިޔާ ފައިނޭންސް ކުރާނެ ކަމަށް ހިމަނާފައިވެ އެވެ.

ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ބޮންޑް ވިއްކައިގެން އާމްދަނީ ހޯދަން ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ބޮންޑު ވިއްކަންޖެހޭ ކަމަށް ވިދާޅުވެ، އެކަމަށްޓަކައި މަޖިލީހުގެ ލަފަޔަކަށް އެދި ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ވިދާޅުވީ ބޮންޑް ވިއްކާއިރު އަމަލު ކުރަނީ ބޮންޑް ވިއްކައިގެން ފައިނޭންސް ކުރުމަށް ބަޖެޓްގައި ހިމަނާފައިވާ ޖުމުލަ އަދަދަށް ވުރެ އިތުރު ނުވާނެ އަދަދު ބަލައިގެން ކަމަށެވެ. ނަމަވެސް ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކުމަށް މިހާރު މަސައްކަތް ކުރާ ބޮންޑާ އެކު އެ އަދަދަށް ވުރެ ޖުމުލަ އަދަދު އިތުރު ވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭސިންގެ އަދަދު ހަ ބިލިއަން ރުފިޔާ އަށް އަރާއިރު އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން އަހަރުގެ ތެރޭގައި ދަރަނި ނެގިދާނެ ކަމަށާއި އެހެން ނަމަވެސް އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސް ހަ ބިލިއަނަށް ވުރެ ކުޑަ ކުރެވިއްޖެ ނަމަ ބަޖެޓާ އެއްގޮތަށް އަމަލު ކުރެވުނު ކަމަށް ބެލެވޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ފިނޭންސް މިނިސްޓްރީ އަށް ލަފާ ދީފައިވާ ކަމަށް ވެސް ގަވަރުނަރުގެ ސިޓީގައިވެ އެވެ.

އެކަމާ ގުޅިގެން، ކިނބިދޫ ދާއިރާގެ މެމްބަރު، އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ހުށަހެޅުއްވީ ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭސިންގެ އަދަދު އަހަރު ނިމޭއިރު ހަ ބިލިއަން ރުފިޔާ އަށް ވުރެ އިތުރު ނުވާނޭ ގޮތަށް އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ ދިނުމަށެވެ.

އެ ހުށަހެޅުމަށް އެމްޑީޕީގެ އެހެން މެންބަރުން ތާއީދު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކޮވިޑް-19 އިގެ ހާލަތުގައި ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ދަނޑިވަޅެއްގައި، ދައުލަތަށް ދަރަނީގެ ގޮތުގައި ނަމަވެސް، ފައިސާ ހޯދޭނެ މަގު މަޖިލީހުން ފަހިކޮށްދޭންޖެހޭ ކަމަށެވެ.

އެއާއެކު، ނާޝިޒު ހުށަހެޅުއްވި ހުށަހެޅުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

އެސްބީއައި އަށް ވިއްކާ ބޮންޑުގެ އަދަދެއް ހާމަކޮށްފައިނުވި ނަމަވެސް، އަވަސް އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އެ ބޭންކަށް 250 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކުމަށެވެ.