ގަވަނަރު

އެމްއެމްއޭއިން މިހާތަނަށް 521 މިލިއަން ޑޮލަރު ދޫކޮށްފި

މި އަހަރުގެ މިހާތަނަށް ބަލާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 521 މިލިއަން ޑޮލަރު އެކި ގޮތްގޮތަށް ދޫކޮށްފައިވާ ކަމަށް ބުނެފި އެވެ.

ޑޮލަރުގެ މާކެޓުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން، އެމްއެމްއޭ އިން މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވި ގޮތުގައި މިހާތަނަށް ސަރުކާރުގެ ކުންފުނިތަކާއި ބޭންކްތައް ހިމެނޭ ގޮތަށް 521 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. އަދި އެއީ މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު ބޮޑު ތަނުން އިތުރުވުމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ބްލެކް މާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވަން އޮތީ ގާނޫނީ ގޮންޖެހުން ތަކެކެވެ. އެކަން އިސްލާހު ކުރަން މަސައްކަތް ކުރަމުންދެ އެވެ.

"އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަންގެ ގަވާއިދުގެ ދަށުން އެއީ [ބްލެކް މާކެޓުގައި ޑޮލަރު ވިއްކުން] އެއީ މަނާ ކަމެއް. އެހެން ނަމަވެސް ގާނޫނީ ގޮތުން އެންފޯސް ކުރުމުގައި ގޮންޖެހުން ތަކެއް އެބަހުރި. އެކަމަށް އެންފޯސްކޮށް އެމްއެމްއޭގެ ގާނޫނަށް އިސްލާހުތަކެއް ގެންނާނެ.. އޭރުން އެންފޯސް ކުރަން ފުރުސަތު ފަހި ވެގެންދާނެ،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޮރިން އެކްސްޗޭންޖް މާކެޓު ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދަށްވުން ކަމަށެވެ.

"ޑޮލަރު ފްލޯސް މަދުވުން ހާލަތަކީ. އެހެންވެ މި ހާލަތުގައި ޑޮލަރުގެ ކަންކަން ގެންދާނީ އަސާސީ ކަންކަމަށް ބޭނުންވާ ކަންކަމުގައި،" އިމާދު ވިދާޅުވި އެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި އިގްތިސޯދީ ގޮތުން މިގޮތަށް އަންނަ ކޮންމެ "ހެލުން ގަނޑެއް" ގައި މި މައްސަލަ ކުރިމަތިވާނެ އެވެ. އެކަމަކު މިކަމަށް ދާއިމީ ހައްލެއް ބޭނުންވެ އެވެ.

އޭނާ ވިދާޅުވީ އަގު ބޮޑުކޮށް ޑޮލަރު ވިއްކުން ހުއްޓުވުމުގެ ގޮތުން މަނީ އެކްސްޗޭޖު ކުރާ ތަންތަން މޮނީޓާ ކުރަން ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ހުއްޓުވަން ދަތިތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ބަލަން... ހިސާބަކުން ނުދައްކާ އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ކަމެއް. މީގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ކަމަށް ޕްރޫވް ހޯދުން މިއީ ދަތިކަމެއް. އެކަމަށް ޕޮލިހާއެކު އިންވެސްޓިގޭޓް ވެސް ކުރިން. ފާރަލާއިރު ވެސް މީގައި އެއްވެސް ރިޓާން އެއްޗެއް ނެތް" ހާޝިމް ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފޮރިން އެކްސްޗޭންޖު މާކެޓު ރަނގަޅުކޮށް، ދިވެހި ފައިސާގެ ލިކުއިޑީީ ހިފަހައްޓަން ވެސް މަރުކަޒީ ބޭންކް އިން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.